26 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ: 10 ދުވަސްވީއިރު މީހަކު ހައްޔަރެއް ނުކުރޭ

ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް މިއަދު ފުލުހުން ބުނެފިއެވެ. މި މަހުގެ 10ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ އަގު، ޖުމްލަ 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެ ފަރާތްތަކާ ގާނޫނު އަރާހަމަކުރަމުންދާ ކަމަށް މިނިސްޓަރު އެ ރޭ ކުރެއްވި ޓްވީޓުގައި ވެއެވެ. މި މައްސަލައިގައި އެ ޕެކޭޖު ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭނާ ހައްޔަރު ކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. https://sun.mv/207180 ނަމަވެސް، ފުލުހުން ވަނީ އެ ބިދޭސީ މީހާއަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހުންނާ އެއްވެސް ގުޅުމެއް ނެތް މީހެއްކަން ޔަގީންވުމުން، މިމަހުގެ 12ވަނަ ދުވަހު އޭނާ ދޫކޮށްލައިފައެވެ. އޭގެ ފަހުން މި މައްސަލައިގައި މީހަކު ހައްޔަރުކުރިތޯ "ސަން"އިން ސުވާލު ކުރުމުން ފުލުހުން ބުނީ، އަދި މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓައިފައި ވެއެވެ. އެގޮތުން މިއަހަރުގެ މާޗްމަހު ކަސްޓަމުން ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގަތީ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މާޗް މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން ވެސް އަތުލައިގެންފައެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ