އެތައް ހާސް ބަޔަކު އިންވެސްޓްކުރި ޖެމްކިއު ނުވަތަ ޖީއެމްސީ ހުއްޓާލާ، އެ ޕިރަމިޑް ސްކީމް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރި މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަން ފަށައިފި އެވެ.
މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނޭހެން ޖެމްކިއުއަށް އިންވެސްޓުކޮށްފައިވާ 50،000 އަށްވުރެ ގިނަ މީހުން ތިބޭ ގްރޫޕުތަކަށް އެ ސްކީމް ޕްރޮމޯޓުކުރަން އިސްވެ އުޅޭ މީހުން މިއަދު ފޮނުވި މެސެޖުތަކެއްގައި ބުނެފައިވަނީ އެ މީހުންނަށް ޖެމްކިއު އިން ލިބެންޖެހޭ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. އެ ޕްލެޓްފޯމް ދެން ހިނގާނެ ކަމާމެދު ވެސް އެ މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.
ޖެމްކިއު ސްކީމް ހިންގާ މީހުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް ލައި ފައިސާ ވިތުޑްރޯ ނުކުރެވޭ ގޮތް ހެދީ ހުކުރު ދުވަހު އެވެ. އެއީ ފޭކު ސިޓީއެއްކަން ވަނީ ހާމަވެފަ އެވެ. ޖަވާބު ނުލިބޭ ކަމަށް މިއަދު ބުނަމުން ދަނީ އެ ސިޓީއާއި ގުޅިގެން ޖެހިފައިވާ "މައްސަލަތަކަށެވެ."
އެގޮތުން ޖެމްކިއުގެ މާކެޓިން ޑިޕާޓްމަންޓުން ޖަވާބެއް ނުލިބޭ ކަމަށާއި ސްކީމް ދެން ކުރިއަށްދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް އެ މީހުން ބުނެފައިވެ އެވެ. އެ މީހުން އަލަށް ޕްރޮމޯޓުކުރަން ފެށީ "ކުއަންޓް ޕޭން" ނަމަކަށް ކިޔާ ޕްލެޓްފޯމް އެކެވެ.
އެ ޕްލެޓްފޯމަށް އިންވެސްޓް ކުރުމަށާއި އޭރުން ފައިދާ އާއެކު އިންވެސްޓްމަންޓް ލިބޭނެ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ. ޓެލެގްރާމުގައި މި މީހުން މެސެޖުކުރަނީ ފޭކް އެކައުންޓުތަކަކުންނެވެ. އެންމެ އިސްކޮށް ހުންނަ މީހަކީ "ޝަހޭ މަދު" ކިޔާ މީހެކެވެ.
މީގެ ދެ ދުވަސް ކުރިން ފުލުހުންގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު އަދަދު އަށް ވިދާޅުވީ ޖެމްކިއުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ހަތް މީހުންނަކީ އެ ސްކީމް ފެށުނުއިރު ވަދެ ފަހުން ސީނިއާވި މީހުން ކަމަށެވެ.
އެ ހަތް މީހުންނާ ކުރިއަށް އޮތް ދުވަސްތަކުގައި ސުވާލު ކުރާނެކަން ފާހަގަކުރައްވާ އާދަމް ނަވީދު ވިދާޅުވީ ސްކީމްގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ވިސްނުމެއް މިވަގުތު ފުލުހުންގެ ނެތް ކަމަށެވެ.
އެ ސްކީމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން ސަރުކާރާއި ސަލާމަތީ ހިދުމަތްތައް ހިމެނޭހެން ތަފާތު ތިން މަސްދަރަކުން ވަނީ 50،000 އަށްވުރެ ގިނަ ދިވެހިން އޭގައި "އިންވެސްޓް" ކުރިކަން ޔަގީންކޮށްދީފަ އެވެ. އިދާރާތަކުގެ ސަމާލުކަމަށް މި ސްކީމް އައިއިރު ވެސް 25،000 އަށްވުރެ ގިނަ ދިވެހިން ދިޔައީ އެއަށް ފައިސާ ލަމުންނެވެ.
އޭގެ ތެރޭގައި ޕޮލިސް، އެމްއެންޑީއެފް، މަޖިލިސް މެންބަރުން، ސިވިލް ސާވަންޓުން، އަދި އާންމު އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ.
މީގެއިތުރުން އެ ސްކީމުގެ ޓީމު ލީޑަރެއްގެ ދަރަޖައިގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުރިކަން މި ނޫހަށް ވަނީ އެނގިަފަ އެވެ. އެކަމާ ގުޅިގެން އެ މެންބަރާ ސުވާލު ކުރުމުން އެކަން ދޮގެއް ނުކުރެ އެވެ.
ޖެމްކިއު ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް އޮޅުވާލަމުންދާކަން ބޭރުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެތައް ހާސް ބަޔަކަށް ލަނޑު ދިނުމަށްފަހު ޖެމްކިއު ހުއްޓާލައި، ހަމަ އެ މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަނީ އެތައް ހާސް ބަޔަކަށް ލަނޑު ދިނުމަށްފަހު ޖެމްކިއު ހުއްޓާލައި، ހަމަ އެ މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ