ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގި ޕޮންޒީ ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގި، އެ ސްކީމް މިހާރު އޮތީ 'ކްރޭޝް' ވެފަ އެވެ. ނަމަވެސް އެ ސްކީމްގައި އިސްކޮށް އުޅުނު ކަމަށް ބެލެވޭ ބަޔަކު އޭގެ އިތުރު ސްކީމެއް އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟- ޖީއެމްސީއީ ނަމުގައި ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށާއި މިއީ ގާނޫނާ ހިލާފަށް ހިންގާ ސްކީމެއް ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ ބުނެފަ އެވެ. އަދި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ސްކީމުގައި ބައި ލައްކައެއްހާ މީހުން ބައިވެރިވި އެވެ. އެކަމަކު މި ފަހުން، އެއިން ފައިސާ ނުނެގިގެެން، ޓެލެގްރާމް ގުރޫޕެއްގައި ޝަކުވާތައް ވަނީ އޮއްސާލައިފަ އެވެ.
ތަފްސީލު- އެ ގުރޫޕަށް އޭގެ އެޑްމިންގެ އެކަކު މިރޭ ކުރި މެސެޖެއްގައި ބުނީ، ޖީއެމްސީއީގެ 'މާކެޓިން ޑިޕާޓްމެންޓް'ގެ ހަބަރެއް ނުވެ، އުއްމީދު ގެއްލިއްޖެ ކަމަށެވެ. އެކަމަކު ވެރިން ގެއްލުނު ނަމަވެސް ދެން އޭނާ އިއުލާންކުރީ އިތުރު މީހަކާ ގުޅިގެން އަނެއްކާވެސް މި ފަދަ އެހެން ސްކީމެއް ފެށި ވާހަކަ އެވެ.
"މިއީ ރައްކާތެރި އަދި ބަރޯސާ ވެވޭނެ ފަދަ ޕްރޮޖެކްޓެއް" ކަމަށް އޭނާ ގުރޫޕްގައި ލިއުނެވެ.
އޭނާ ވަނީ އެ ގުރޫޕުގެ ލިންކު ފޮނުވައި، އެއަށް ދައުވަތު ދީފަ އެވެ. އަދި ޖެހިލުންވާ ނަމަ، ދެތިން މަސް ފަހުން އެއިން ފައިސާ ނެގޭނެ ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިއްމު- ޖީއެމްސީއީ ސްކޭމްއާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު ވިދާޅުވެފައި ވަނީ މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅެނީ ހުސް ދިވެހިން ކަމަށާއި އެއީ އަންހެނަކާއި ހަ ފިރިހެނުން ކަމަށެވެ.
ޖީއެމްސީއީ ފެށިގެން އައީ ރާއްޖެއިން ކަމަށް މިހާތަނަށް ބެލިބެލުމުން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިބިފައި ހުރި ފެކްސްޓްއަށް ބަލާއިރު މި ސްކީމު ފެށިފައި މި އޮތީ ރާއްޖެއިން ކަމަށް އަޅުގަނޑުމެންނަށް ބުނެވޭ ގޮތަށް އިންޑިކޭޝަންތައް މިހާތަނަށް ފާހަގަކުރެވިފައި އެބަހުރި. ނަމަވެސް މި ސްކީމަކީ ސީދާ ރާއްޖެ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ކަނޑައެޅިގެން ދެންނެވޭކަށް ނެތް،" ނަވީދު ވިދާޅުވި އެވެ.
'ވެރިން' ގެއްލިއްޖެ، އެކަމަކު ޖީއެމްސީއީއާ ގުޅުން އޮންނަ ބައެއްގެ އާ ސްކީމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ