ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެ އޮފީހުން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޕީޖީ އޮފީހުގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2023 ވަނަ އަހަރު އެ އޮފީހަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 671،908 ރުފިޔާ ފާހަގަކުރެވިފައިވާކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ، އެ ފައިސާ ހޯދުމަށް ޕީޖީ އޮފީހުން މަސައްކަތްތަކެއް ކުރިނަމަވެސް، އެ މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އުސޫލްތަކުގެ މަތިން ނޫންކަމަށެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓްގައިވާގޮތުން ފައިސާ ދެއްކުމަށް ލިޔުން ފޮނުވުން ނޫންކަމެއް އެ އޮފީހުން ކޮށްފައެއް ނުވެއެވެ.
- ސެކިއުރިޓީ ބޮޏްޑް/ ސްޓައިޕެންޑާ: 41.566 ރުފިޔާ
- އޮފީހުގެ ހަރަދުގައި ކިޔެވުމަށްފަހު، ވަޒީފާއިން ވަކިވުމުން އޮފީހަށް އަނބުރާ ދައްކަންޖެހޭ: 609،668 ރުފިޔާ
- މުސާރައާއި އެލަވަންސްގެ ގޮތުގައި އިތުރަށް ދެވިފައިހުރި: 3،324 ރުފިޔާ
- ދަތުރު ފައިސާގެ ގޮތުގައި ދީފައިވާ ފައިސާއިން އަނބުރާ ލިބެންޖެހޭ: 17،350 ރުފިޔާ
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ، ޕީޖީ އޮފީހަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދަކީ އެ އޮފީހުގެ ހަރަދުގައި މުއައްޒަފަކު ކިޔެވުމަށްފަހު އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށެވެ. އެގޮތުން ކިޔެވުން ފުރިހަމަ ކުރުމަށްފަހު 5 އަހަރުގެ ބޮންޑް ފުރިހަމަނުކޮށް އެ ކޯހަށް ހަރަދުވި 609،668 ރުފިޔާ ދެއްކުމުގެ ކަންކަން 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހަށްފަހު ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.
ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލްތަކަށް ބަލާއިރު، ފައިސާ ދެއްކުމަށް ކަނޑައެޅިފައި އޮންނަ މުއްދަތުގައި ނުދައްކައިފިނަމަ، ލިޔުން ފޮނުވަންޖެހެއެވެ. އަދި އެވަރުންވެސް ފައިސާ ނުލިބިއްޖެނަމަ، 7 ދުވަސް ދިނުމަށްފަހު، ލިޔުމުންވެސް އެކަން އަންގަންޖެހެއެވެ. އެގޮތުން އެ މުއްދަތުގައި ނުލިބިއްޖެނަމަ ޝަރުއީ މަރުހަލާގެ ތެރެއިން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންދަން ޖެހެވެ.
ލިބެންޖެހޭ ފައިސާ ހޯދުމުގައި ޕީޖީ އޮފީހުގެ އިހުމާލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ