ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ފުލުހުންގެ ތަހުގީގަށް ރައުދު ބުނި ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ފުލުހުންގެ ތަހުގީގަށް ރައުދު ބުނި

އޭޕްރިލް 18، ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލް އާ އެންމެ ފުރަތަމަ ފުލުހުން ސުވާލު ކުރުނުން ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ރައުދު ބުނެފައިވާކަން ހާމަވެއްޖެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވި ރިޕޯޓުގައި ވަނީ ތަހުގީގުގަށް ރައުދު ދިން ބަޔާންތަކާއި އޭނާއާ ސުވާލު ކުރި ފުލުހުންގެ ބަޔާންތައް ވެސް ހިމަނާފަ އެވެ.
އޭނާ ފުލުހަށް ހާޒިރު ކުރީ ކޯޓު އަމުރެއް ހޯދުމުގެ ކުރިން އެ ދުވަހުގެ ހެނދުނު އެވެ. އެންމެ ފުރަތަމަ ސުވާލު ކުރުމުން ވެސް އޭނާ ގާނޫނީ ވަކީލަކަށް އެދުނު ކަމަށާއި، އަދި ފޯނުގެ ސްކްރީން ތަޅައިގެން ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
"ރައުދު އަހުމަދު ބުނި ގޮތުގައި، ހައްވާ ޔުމްނު ގައިގައި ރައުދު އަހުމަދު ހިފަހައްޓައިގެން ހުއްޓައި ވެއްޓުނީ ކަމަށާއި، ރައުދު އަހުމަދުގެ ދެ އަތުގެ އުޅަނބޮށި ރަތްވެފައި ހުއްޓާ ފެނުނު ކަމަށާއި، އެހެންކަމުން ސޯކޯ އޮފިސަރު މެދުވެރިކޮށް އޭނާގެ ހަށިގަނޑުގެ ފޮޓޯ ނަގާފައިވާނެ ކަމަށާއި، ހައްޔަރު ކުރުމުގެ އަމުުރު ހޯދިޔަސް ބޮޑު ތުހުމަތެއް ނެތުމުން ހައްޔަރު ނުކޮށް ތަހުގީގު ކުރުމާ ގުޅޭގޮތުން،" ރިޔާސީ ކޮމިޝަނުން ނެރުނު އިންކުއަރީ ރިޕޯޓުގެ 31 ވަނަ ގަނޑުގައި ލިޔެފައި ވެ އެވެ.
މި ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނުގެ ރައްޓެއްސެއްގެ ގެޔެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފުރަތަމަ ބުނުމަށް ފަހު އެއީ ރައުދުގެ ވެސް ރައްޓެއްސެއްގެ ގެޔެއް ކަމަށް ބުނެފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
"އެ ދެ ވާހަކައިގައި ފުށުއެރުމެއް އުޅޭތީ ފަހުން ސުވާލު ކުރުމުން އެ ސުވާލަށް ރައުދު އަހުމަދު ޖަވާބު ދީފައި ނުވާ ކަމަށާއި، ވަކީލު އައި ފަހުން ރައުދު އަހުމަށް އެއްވެސް އެއްޗެއް ހަނދާން ނުވާ ކަމަށް ބުނި ކަމަށާއި، އައިއޯ ދިޔައިރު ވެސް ސީން ޕްރޮސެސްކޮށް ނިންމާފައިވާ ކަމަށާއި،" ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
އެ ރޭ ހިނގައިދިޔަ ކަންކަން ހަނދާން ނެތް ކަމަށް ކޮމިޝަނަށް ވެސް ރައުދު ވަނީ ބުނެފަ އެވެ. އެހެންވެ، ހ. ފެންޓެނޯއީ ގެއިން ޔުމްނު ފުންމާލިކަން ނުވަތަ ވެއްޓުނުކަން ކޮމިޝަނުން ކަނޑަނާޅައި ނިންމީ ކޮމިޝަނަށް ލިބިފައި ހުރި ހެކިތަކަށް ބެލުމަށްފަހު ބޮޑަށް ބުރަވެވެނީ ޔުމްނު ވެއްޓުނު ކަމަށެވެ. އަދި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް ވެސް ރިޕޯޓުގައި ލިޔެފައިވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ޕްރޮސެއިކުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި ފަރުވާ ކުޑަކޮށްފައިވާކަން ވެސް ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ