ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ޗައިނާއަށް ބޭރުކުރުމަށް މަގުފަހިވެއްޖެ

ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ޗައިނާއަށް ބޭރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ޗައިނާގެ ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ވަފްދެއް ރާއްޖެއަށް ކުރަމުންދާ ދަތުރާ ގުޅިގެންނެވެ.މި މަހުގެ 13 އިން 18 އަށް ކުރިއަށްދާ މި ދަތުރުގައި، ޗައިނާގެ ވަފުދުން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، އޮޕަރޭޝަންތައް ހިންގާ ގޮތް ބަލާފައެވެ. މީގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި އެ ވުޒާރާގެ އިސްވެރިންނާ އަދި މިފްކޯގެ އިސްވެރިންނާ ބައްދަލުކުރުން ހިމެނެއެވެ.ވަޒީރު ސައީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ވަފުދުގެ ދަތުރުގެ ސަބަބުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން މަސް ބޭރުކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބޭނެއެވެ. އަދި ޗައިނާގެ ވަފުދުން ރާއްޖެއިން މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތް މިިންވަރު ބަލާފައިވާ ކަމަށްވެސް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.މި ދަތުރަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެެވެއެވެ. މިކަމުގެ ސަބަބުން ރރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބި، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ