ސްރީލަންކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން، ރައީސް ދެއްވައިފި

ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއި، އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މުސްތަޤްބަލެއް ބިނާކުރުން ހިމެނޭހެން، ޙިއްޞާ ކުރެވޭ އުންމީދުތައް ހާސިލްކުރުމުގައި، އަދުގެ ސަރުކާރުން ސްރީލަންކާއާ ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފި އެވެ.އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި މިރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ބޮޑު ގުޅުމެއްކަމުގައި ވިދާޅުވިއެވެ.60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީޚާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.މީގެ އިތުރުން ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ބަހައްޓާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމި ހުންނާނެ އަސަރުތަކެއް ކަމުގައިވެސް ރައީސް ސިފަކުރެއްވި އެވެ. އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް، ދޭދޭ އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާދިއުމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހަމަ މިއާއެކު، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތައް ހިމެނޭހެން، ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދީ، ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ އެއް އަމާޒެއްގައި މަސައްކަތްކުރެއްވުމުގެ ރޫޙު، ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރެއްވި އެވެ. އަދި 2 ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތްކުރައްވައި، އެއީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއްކަމުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެ، ސްރީލަންކާއާ ގުޅިގެން އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށާއި، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ