އަގު ވަޒަން ނުކުރާ، ހަމަ އަގެއް ނުލިބޭ ހުނަރުވެރިން
ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމަކީ ދިރިއުޅުމުގެ ބައެކެވެ. އެކި މީހުންނަށް މިކަން އިހުސާސުކުރެވޭ މިންގަނޑު ތަފާތުވިއަސް ކަމުގެ ހަގީގަތަކީ މިއީއެވެ. އާ ކެފޭއެއްގެ ލޯގޯއެއް, ރިސޯޓެއްގެ އިޝްތިހާރެއްގައި ބޭނުންކުރާ ފޮޓޯ ނުވަތަ ވީޑިއޯއެއް, ނުވަތަ ތަނެއް އިޝްތިހާރުކުރުމުގަަޔާއި އެކި ވައްތަރުތަކުގެ ލިއުންތައް އުފައްދަން އެ ލިއެލާ ޝައުގުކުރުވަނިވި ބަސްތަކެވެ. ތަނެއްގެ އިންޓީރިއާ ހިތްހަމަ ޖެހޭގޮތަށް ޑިޒައިންކޮށްލާފައި ހުރުމެވެ. އެތާ އަޅުވާފާ ހުންނަ ކުރެހުންތަކާއި ކާއެއްޗެހީގެ ލިސްޓެވެ. މި ހުރިހާ އެއްޗެއް ވެސް އެ ފެންނަނީ އުފެއްދުންތެރި ވިސްނުުންތަކުން އެތައް ވަގުތުތަކެއް ހޭދަކޮށްގެންނެވެ. ކަން މިހެން އޮތް ނަމަވެސް އުފެއްދުންތެރި މަސަތްކަތް އަދިވެސް "ހަގީގީ" މަސަތްކަތެއްގެ ގޮތުގައި ނުދެކެއެވެ. އާންމުކޮށް ދިމާވާ މީހުންގެ ވިސްނުންތަކުން މި ކަހަލަ މަސަތްކަތްތަކަކީ ހޮބީއެއްގެ ގޮތުގައި މީހުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި، އުފަލާ އެކު މިކަން އެހެން ކުރާނަމަ އެކަށީގެންވާ އަގެއް ލިބުމަކީ އެހާ މުހިންމު ކަމެއް ނޫން ގޮތަށް ދެކެވެއެވެ. މާލޭގައި 20 އަހަރުވަންދެއް ގްރެފިކް ޑިޒަައިނަރެއްގެ ގޮތުގައި މަސަތްކަތް ކުރަމުން އަންނަ ފާލިން ސްޓޫޑިއޯގެ ޑިޒައިނަރު ހަލީމާ އަބްދުލް ގަފޫރު (ފާލިން) ބުނި ގޮތުގައި ކަންކަން މަޑުމަޑުން ބަދަލުވަމުން އައި ނަމަވެސް ކްރިއޭޓިވް މަސަތްކަތް އެހާ ސީރިއަސް މަސަތްކަތެއްގެ ގޮތުގައި ނުދެކެވޭ ވަރުގަދަ ވިސްނުމެއް އަދިވެސް މީހުންގެ ކިބައިން ފެނެއެވެ. "މި ކަހަލަ މަސަތްކަތްތައް ހިލޭ ނުވަތަ އަގުހެއޮ ވާންޖެހޭނެކަމަށް ގަބޫލުކުރާ ބަޔަކު އުޅޭއިރު ފައިސާގެ ބަދަލުގައި އެކްސްޕޯޝާ ހުށަހަޅާ. އަދި، މިއީ އަހަރެން ދިރިއުޅުމަށް ކުރާ މަސަތްކަތް ކަމަށް ވިސްނައިދިނުމުން ބައެއް މީހުންގެ ކިބައިން ހައިރާންކަން ވެސް ފެނޭ. މިކަން މިހެން އޮތްއިރު މަސަތްކަތުގެ ހަގީގީ އަގު ބުނާއިރު ކްލައެންޓުން ގެއްލުމުގެ އުނދަގުލާ ވެސް ކުރިމަތިލާން އެބަޖެހޭ. އެކަމަކު މި މަސަތްކަތް ކުރަނީ މިއީ އަހަރެއް އެންމެ ލޯބިކުރާ އަދި އެންމެ ކުރާ ހިތްވާ ކަމަށްވާތީ އެކަން ދަންނަ މީހުން އަބަދު ވެސް އަހަރެންގެ މަސަތްކަތް ބަލައިގަނޭ،" ފާލިން އަދި އޭނާގެ މަސަތްކަތްތައް - ފޮޓޯ: ފާލިން ސްޓޫޑިއޯ އިންސްޓަގްރާމް ޕޭޖު ތިމާއަކީ ފަންނާނެއް, ޑިޒައިނަރެއް, ލިޔުންތެރިއެއް, ފަހާ މީހެއް ނުވަތަ ފޮޓޯގްރާފަރެއް ނަމަ ގިނަ ފަހަރަށް މީހުން ހީކުރަނީ އެއީ ބޮޑަށް މަޖަލަށް ކުރަންކުރާ ކަމެއްކަމުގައެވެ. އަދި، ރަނގަޅު މުސާރަ ލިބުމަކީ ކޮންމެހެން މާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވެއެވެ. މި ވިސްނުމުގެ ސަބަބުން ހުށަހަޅާ އެކްސްޕޯޝާ ހިފައިގެން ގޭގެ މަހު ކުއްޔާއި ދައްކަން ހުންނަ ބިލުތައް ނުދެއްކޭނެކަން ވިސްނާލަން އެބަޖެހެއެވެ. "މަސަތްކަތުގެ އަގު ވަަޒަންނުކުރުމަކީ ވަރަށް ގިނައިން ކުރިމަތިލާންޖެހޭކަމެއް. މަސަތްކަތާއި ނުބައްދަލު އަގު ކިއުމުން ބޮޑެތި ސަރުކާރު ކުންފުނިތަކުން ވެސް ބައިވަރު މަސަތްކަތްތައް ދޫކޮށްލަން ޖެހޭ ފަހަރު އާދޭ. ނުވަތަ ފެއާ އަގެއް ކީމަ އެއަށް އެއްބަސްނުވުމުން. އަހަރެން މި މަސަތްކަތްކުރަނީ ހަމަ ލޯބިން. މިއަށް ވުރެ ބޮޑަށް ކުރާ ހިތްވާ އެހެން ކަމެއް ނެތްއިރު މިއީ އަހަރެން ދިރިއުޅުމަށް އާމްދަނީ ހޯދަން ކުރާ ހަމައެކަނި ކަންތައް. އާ ޖެނެރޭޝަނަށް އަހަރެންގެ އުންމީދު އެބައޮތް ކަންކަން ރަނގަޅުވާނެ ކަމަށް،" އާތްލިންގްގެ ނަމުން މީހުން ދަންނަ އާޓިސްޓު ހަސަން ނާޖިހް ބުންޏެވެ. އާތްލިންގްގެ މަސަތްކަތް - ފޮޓޯ: އައިއޭމްއާތްލިންގް އިންސްޓަގްރާމް ޕޭޖުއޭގަ މައްޗަށް ދެން ދިމާވާ އެންމެ ބޮޑު މައްސަލައެއް ގޮތުގައި ފާހަގަ މި ވަނީ އެއްބަސްވެފައިވާ ޕޭމަންޓު ހޯދުމަށް އެތައް މަހެއް ވަންދެން ފަހަތުން ދުވަންޖެހޭ ދުވުމެވެ. އަދި, ދުވަސްތައް ފާއިތުވެ މި ފައިސާތައް މަތިން ކްލައެންޓުން ހަނދާންނެތި އޮއްބާލުމުން މި ކަމާ މެދު ހަދާނެ އިތުރު ގޮތެއް އަދި އަޅާނެ ފިޔަވަޅެއް ވެސް ނެތުމެވެ. ގިނަ އަދަދެއްގެ ކްރިއޭޓިވް މަސަތްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ މީހެއް ކަމުގައިވާ ރީޝާ ޝަރީފް (އިއްޔަ) ބުނި ގޮތުގައި ކުންފުނިތަކުން އެދެނީ މަތީ ފެންވަރުގެ އުފެއްދުންތައް ނަމަވެސް ބަޖެޓު ހުންނަނީ ވަރަށް ދަށުގައެވެ. "ކިތައްމެ ކުރު ޝޫޓަކަސް ކެމެރާ މަސަތްކަތަކީ ބުރަ އަދި ވަރުބަލި މަސަތްކަތެއް. ޝޫޓިންއަށް ތައްޔާރުވާން ގިނަ ދުވަސްތަކެއް ނެގި ނަމަވެސް މަސަތްކަތް އަވަހަށް ނިންމަން އެދިފައި ފައިސާ ދެއްކުން އެބަ ލަސްކުރޭ. ދިރާސާކުރުމުގަޔާއި ހިޔާލުތައް ބިނާ ކުރުމަށް ދުވަސް ނަގަނީ އެއީ ފެންވަރު ރަނގަޅު މަސަތްކަތެއް ފޯރުކޮށްދިނުމަށް އަޅާލާތީ. މީ ހަގީގީ މަސަތްކަތެއް ކަމުގައި ނުބެލެވުނަސް މީ އަހަރުމެންގެ އާމްދަނީގެ ވަސީލަތް. ދުވާލާ ރޭގަނޑު މި މަސަތްކަތް ކުރަނީ ހަމަ އެކަނި ކްރޭޓިވް ކަންކަމަށް ލޯބިކުރާތީއެއް ނޫން. އެއީ ދިރިއުޅުމައްޓަކާ،" އޭނާ ކިޔައިދިނެވެ. އިއްޔަ އޭނާގެ މަސަތްކަތުގައި ހަރަކާތްތެރިވަނިކޮށް - ފޮޓޯ: އިއްޔަ.އީއައިއޯ އިންސްޓަގްރާމް ޕޭޖު ރާއްޖެއަކީ މިނިވަން ފަންނާނުން ނުވަތަ ފްރީލާންސްކޮށް ކްރިއޭޓިވް މަސަތްކަތް ކުރާ މީހުން ގިނަ ތަނެކެވެ. ސްޓޫޑިއޯތަކުގެ ނަމުގަޔާއި އެކި ކަހަލަ ޕޭޖު ހިންގި ނަމަވެސް ގިނަ މީހުން މަސަތްކަތްކުރަނީ އެކަންޏެވެ. ވަޒީފާގެ ސެކިއުރިޓީއެއް ނުވަތަ އެހެން ސަޕޯޓެއް ނެތިއެވެ. ނިމިފައި އިންނަ މަސަތްކަތް ފެންނައިރު މާ ބޮޑު ކަމެއްހެން ހީނުވިއަސް މި މީހުންނަކީ ގިނަ ރޯލުތައް އަދާކުރާ ބައެކެވެ. އާޓިސްޓު, މާކެޓް ކުރާ މީހާ, ނެގޯޝިއޭޓް ކުރާ މިހާ އަދި ކްލައެއްންޓުންނާއި މުއާމަލާތް ހިންގާ މި ހުރިހާ ރޯލެއް ކުޅެނީ ވެސް ހަމަ އެންމެ މީހެކެވެ. "މީހުންނަށް ފެންނަނީ ފައިނަލް ފޮޓޯގަނޑު. ޕްލޭންކުރުމާއި, އެތައްގަޑިއިރެއް ޝޫޓުކޮށް, އެޑިޓުކޮށް އަދި ގިއަރުތައް ގަންނަން ކުރާ ހަރަދާއި މި ސްކިލް ޑިވަލޮޕްކުރަން އެތައް އަހަރެއް ވަންދެން ކުރާ މަސަތްކަތްތައް މަތިން ވިސްނައެއް ނުލެވޭ. ފޮޓޯގްރަފަރެއްގެ ހައިސިއްޔަތުން އަހަރެންނަށް ވަރަށް ގިނައިން އެބަހުރި ބޮޑެތި ރިސޯޓުތަކާއި ހޮޓަލްތަކުން ކޮންޕްލިމަންޓަރީކޮށް ހުރުން ހަމަޖައްސަދޭން ހުށަހަޅާފައި ކޮންޓެންޓު ދޭ މަތިން. ބައެއް ކުންފުނިތަކުން ދެކޭ ގޮތުގައި މި މަސަތްކަތް އެ މީހުން ދޭން ބުނާ އެކްސްޕޯޝާއިން ފުދޭ. މީހުން އެބަޖެހޭ މިއީ ހޮބީއެއް ނޫންކަމަށް ދެކި މިވެސް ރަނގަޅު އަދި ބުރަ މަސަތްކަތެއްކަން ދަނެ އޭގެ އަގުވަޒަންކުރަން. ޕެޝަންއަކީ ޕްރޮފެޝަނަލިސަމްގެ ބަދަލުގައި އަންނަ އެއްޗެއް ނޫން،" ލީފް ފޮޓޯސްގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރު މުހައްމަދު އަލީފް ބުންޏެވެ. އަލީފްގެ މަސަތްކަތް - ފޮޓޯ: ލީފް ފޮޓޯސް އިންސްޓަގްރާމް ޕޭޖު ކުރިއަށް ބަލާއިރު ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ޚިދުމަތްތައް ހޯދަން ދާ މީހުންގެ ވިސްނުމުގައި ކްރިއޭޓިވް މަސަތްކަތްތަކަކީ ހުނަރާއި ވަގުތާއި ތަމުރީނު ބޭނުންވާ މަސަތްކަތްތަކެއްކަން ހަދާން ބަހައްޓަން އެބަޖެހެވެ. އަދި، އެހެން ވަޒީފާތަކެކޭ ވެސް އެއްފަދައިން މި މަސަތްކަތްތައް ކުރާ ފަރާތްތަކުން ވެސް ވަކި ކަހަލަ ހައްދުތަކެއް ބެހެއްޓުމާއި ކޮންޓްރެކްޓަށް މަސަތްކަތްކުރުން އަދި އަމިއްލަ މީހާގެ މަސަތްކަތުގެ އަގު ހިފަހައްޓައިގެން ހުރުން ހިމެނެވެ. އުފެއްދުންތެރިންގެ މި ކޮމިއުނިޓީގެ ގުޅުން ވަރުގަދަކޮށް އެކަކު އަނެކަކަށް ތާއީދުކޮށް, އެކުގައި މަސަތްކަތްކޮށްފިނަމަ ހަގީގީ ބޮޑު ބަދަލެއް އަތުވެދާނެކަމުގެ އުންމީދު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ