ލަންކާގައި އިންވެސްޓުކުރަން ލަންކާގެ ރައީސް ރާއްޖެއަށް ދައުވަތު ދެއްވައިފި

ސްރީ ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިވެރިންނަށް އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސާނަޔަކަ ރޭ ދައުވަތު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސްކަމުގެ ހުވާކުރެއްވި ޑިސާނަޔަކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ރައީސް މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލައްވާ ޑިސާނަޔަކަ ފުރާވަޑައިގަންނަވާނީ މާދަމާ އެވެ.
ތަފްސީލް - ދެ ގައުމުގެ ދެމެދުގައި އިއްޔެ ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ރައީސް މުއިއްޒާ އެކު ޑިސާނަޔަކަ ދެއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާވާ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ފުޅާ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި މުހިންމު ދާއިރާތަކަށް އިންވެސްޓުކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ:
ލަންކާއަކީ އަބަދުވެސް އިންވެސްޓްމަންޓްތަކަށް އިތުބާރު ކުރެވޭ މަންޒިލެއް ކަމުގެ ޔަގީންކަން ދިވެހި އިންވެސްޓަރުންނަށް ދެއްވި
ލަންކާގައި އިންވެސްޓުކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެ ގައުމުން މިހާރު ގާއިމުކުރަމުން އަންނަ ސިންގަލް ވިންޑޯ ނިޒާމާއި ލަންކާގައި އިންވެސްޓުކުރަން އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ގާއިމްކޮށްފައިވާ ފިސްކަލް އަދި ނޮން ފިސްކަލް އިންސެންޓިވް ސްކީމްތަކާ ބެހޭ ގޮތުން ރައީސް މުއިއްޒަށް މައުލޫމާތު ހިއްސާކުރެއްވި
ދިވެހި އިންވެސްޓަރުންނަށް ލަންކާގައި އިންވެސްޓުކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް، އިންވެސްޓަރުން ގަޔާވާ ގޮތަށް އަދި ވަކި މުދަލަކަށް ހާއްސަ އިންޑަސްޓްރިއަލް ޒޯންތަކުގެ މައުލޫމާތު ރައީސް މުއިއްޒުއާ ހިއްސާކުރެއްވިން؛ އޭގެ ތެރޭގައި، ލަންކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ޕާކްތަކުގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރެއްވި
"ހާއްސަކޮށް އައިޓީ، އޭއައި، މަސްވެެރިކަން، ދަނޑުވެރިކަމާއި، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާންސްޓްރަކްޗާ ފަދަ ދާއިރާތަކުން ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވަން،" ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރި އިތުރު ކަންކަމަކީ:
ތައުލީމީ ދާއިރާއިން އިތުރަށް އެއްބާރުލުން ދެވޭނެ ގޮތްތައް
ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން
އޭވިއޭޝަން ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ އެކު ވައިގެ ގުޅުންތައް ބަދަހިކުރުން
ދަނޑުވެރިކަމުގެ ދާއިރާއިންނާއި ތިމާވެށި އަދި އިޖުތިމާއީ ތަފާތު ދާއިރާތަކުން ވިޔަފާރި ގުޅުންތައް ބަދަހިކުރުން
ދެ ގައުމުގެ މެދުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އެއްބާރުލުން ފުޅާކުރުން
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން
މަސްވެރިކަމާއި ކަނޑުގެ ދާއިރާގައި ހުރި ބޮޑެތި ފުރުސަތުތަކާ ބެހޭ ގޮތުން؛ އެގޮތުން، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކާއި ގުޅޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި ލަންކާގެ މަސްބޯޓުތަކަށް ފަސޭހަކަމާ އެކު ރާއްޖެ މަގުން އަރަބި ކަނޑަަށް އެތެރެވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް ހިޔާލު ބަދަލުކުރެވުނު
ދިފާއީ ދާއިރާ އާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި ސަގާފަތާއި ތަރިކަގެ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދިނުން
މި ބަޔާން ނިންމާލައްވަމުން ޑިސާނަޔަ ވަނީ ސަރަހައްދީ ގޮތުން ރާއްޖެއިން ލައްކާއަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މީގެ އިތުރުން، ރާއްޖެއަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ އާއި ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކުރައްވައި ޑިސާނަޔަކަ ވަނީ ލަންކާއަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ވެސް ދައުވަތު ދެއްވާފަ އެވެ. 
ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު މާދަމާ ނިންމާލެއްވުމުގެ ކުރިން ވިޔަފާރި ފޯރަމެއްގައި ޑިސާނަޔަކަ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންނާ ބައްދަލުކުރެއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ