ގއ. ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމަށް ޖެހިފައިވަނީ މަދުން ފެންނަ ލޮލުގެ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. މި ބަލީގައި ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވެއެވެ. އޭނާގެ މައިންބަފައިން ދަނީ އޭނާއަށް ފަރުވާ ހޯދުމަށް ގިނަ ގުރުބާނީތަކެއް ވަމުންނެވެ.
މަފާޒުގެ ލޮލަށް މިހާރު 14 އަހަރުވަންދެން ބޭސްކުރަމުންދާއިރު، އިންޑިއާއަށް 28 ފަހަރު ގޮސް 17 އޮޕަރޭޝަން ކޮށްފައިވެއެވެ. ނަމަވެސް އިންޑިއާގައި ކުރި އޮޕަރޭޝަނެއް (އަގައިން ޓިޝޫ ނަގައި ލޮލަށް ލެއްވުން)ގެ ސަބަބުން ލޮލަށް އިންފެކްޝަން ވެ، ލޯ އިތުރަށް ގޯސްވެފައިވެއެވެ.
މިހާރު މަފާޒަށް ބޭސްކުރަމުންދަނީ ބެންކޮކުގެ ޑޮކްޓަރުންނެވެ. މި ފަރުވާއަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ، އޭނާގެ މައިންބަފައިންގެ ހުރިހާ އާމްދަނީއެއް މިކަމަށް ޚަރަދުކުރަމުން ދަނީއެވެ. ބެންކޮކުން ފަރުވާ ކުރަން ފެށި ފަހުން މަފާޒުގެ ލޮލުގެ ފެނުން ރަނގަޅުވަމުން އަންނައިރު، އެއްލޮލުގެ ފެނުން މިހާރު 71 އިންސައްތައަށް އަނބުރާ ލިބިފައިވާއިރު، އަނެއްލޮލުގެ ފެނުން 70 އިންސައްތަ ރަނގަޅުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އިންޑިއާގެ ޑޮކްޓަރުން ވަނީ މަފާޒުގެ އަނގައިން ޓިޝޫ ނަގައި އޭނާގެ ލޮލަށް ލައްވާފައެވެ. އޭގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ލޯ އިތުރަށް ސަކަރާތްވީއެވެ. އެހެންކަމުން ބެންކޮކުން މަފާޒްއަށް ބޭސްކުރަން އާއިލާއިން ނިންމީއެވެ. ބެންކޮކުގެ ޑޮކްޓަރުން ބުނާގޮތުގައި އޮޕަރޭޝަން ކުރުމުން މަފާޒުގެ ލޮލުގެ ފެނުން އެއްކޮށް ލިބޭނެއެވެ. ނަމަވެސް މައްސަލައަކީ އެ އޮޕަރޭޝަން ނުކުރެވޭތީއެވެ
ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނާގޮތުގައި އެ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ދަނީ ކޮންމެ ތިން މަހަކުން ތިން މަހަކުން ޗެކް ކުރަމުންނެވެ. ލޮލަށް ލައްވާފައި ހުރި ޓިޝޫގަނޑު ބޭހުން ކޮންޓްރޯލް ކުރެވޭތީ ބަލަމުންނެވެ. އެހެން ކަމުން އަނެއްކާ ވެސް މަފާޒު ގޮވައިގެން ބޭރަށް ދާން މިވަނީ ޖެހިފައެވެ. މި އޮޕަރޭޝަން ނުކޮށް ލަސްވަންޏާ އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން އަނެއްކާ ވެސް ގެއްލޭނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ
އަންނަ ސެޕްޓެމްބަރުގައި މަފާޒުގެ ލޮލުގެ އެންމެ ފަހު އޮޕަރޭޝަން ކުރުމަށް ފުރަން ޖެހޭއިރު، މަފާޒުގެ ބައްޕަ މައުސޫމުވެސް ކިޑްނީ އާއި މައިގްރެއިން މައްސަލަ ޖެހިގެން މައުސޫމުވެސް އުޅެނީ ވަރަށް ބަލިކޮށްނެނެވެ. އަދި މަފާޒުގެ ކޮއްކޮގެ ލޯވެސް ސަކަރާތްވެގެން މިހާރު މަފާޒުގެ ބައްޕަ މައުސޫމް ހުރީ ކުޑަ އަންހެން ކުއްޖާގެ ލޮލުގެ ބޭސްފަރުވާއަށް ގޮސް އިންޑިއާގައެވެ. އެހެންކަމުން އާއިލާގެ މާލީ ހާލަތު މިހާރު ވަރަށް ގޯހެވެ.
"މަފާޒުގެ އޮޕަރޭޝަނަށް ވަރަށް ބޮޑު އެއްޗެއް އަރާ، އޮޕެން ސާޖަރީއަކަށް ދާން މިޖެހެނީ. ޑޮކްޓަރު ލަފާކޮށްފައި ބުނަނީ ސީދާ އަދަދެއް ނޭގޭ، ކޮންފާމް އަދަދެއް ދީފައި އިނީ 16،000 - 25،000 ޑޮލަރާ ދޭތެރޭ ދާނެކަމަށް ޑޮކްޓަރު ލަފާކުރަނީ." މަފާޒު ބައްޕަ ބުންޏެވެ.
މަފާޒަށް އެހީ ތެރިވުމަށް:
ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)
ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)
އިތުރު މައުލޫމާތު ހޯދުމަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)
މަދުން ފެންނަ ލޮލުގެ ބައްޔަކަށް ފަރުވާކުރަމުން އަންނަ މަފާޒްގެ ފަރުވާއަށް ބޮޑުހޭދައެއް ކުރަންޖެހޭތީ އެދެނީ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ