ޕޭޕަލް އިން ކްރިޕްޓޯކަރަންސީ ގަބޫލުކުރަން ނިންމައިފި

ޑިޖިޓަލް ޕޭމަންޓްގެ ދުނިޔޭގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލް އިން، އެ ކުންފުނީގެ ޚިދުމަތް ބޭނުންކުރާ ވިޔަފާރިތަކަށް 100 އަށްވުރެ ގިނަ ބާވަތުގެ ކްރިޕްޓޯކަރަންސީ ގަބޫލުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެވެ. ފިންޓެކް ދާއިރާގެ މި ބޮޑު ކުންފުނިން މިއަދު އިއުލާންކުރި ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި "ޕޭ ވިތް ކްރިޕްޓޯ" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރާނެއެވެ. މި ފީޗާގެ ދަށުން ވިޔަފާރިވެރިންނަށް ބިޓްކޮއިން، އިތީރިއަމް، އަދި އެކްސްއާރްޕީ ފަދަ މަގުބޫލު ޑިޖިޓަލް ފައިސާތައް ގަބޫލުކުރެވޭނެއެވެ. އަދި ކޮއިންބޭސް، މެޓާމާސްކް، އަދި އެކްސޮޑަސް ފަދަ މައިގަނޑު ކްރިޕްޓޯ ވޮލެޓްތަކުން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕޭޕަލްގެ ސީއީއޯ އެލެކްސް ކްރިސް ވިދާޅުވި ގޮތުގައި، މި އާ ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްތައް އަވަސްވެ، ޚާއްސަކޮށް ބައިނަލްއަގުވާމީ މުއާމަލާތްތަކުން ނަގާ ފީ ކުޑަވެގެންދާނެއެވެ. ޕޭޕަލްއިން މި ޚިދުމަތް ތައާރަފް ކުރުމުން، ކަސްޓަމަރަކު ކްރިޕްޓޯ އިން ފައިސާ ދެއްކުމުން، ޕޭޕަލް އިން ވަގުތުން އެ ފައިސާ އާންމު ފައިސާއަށް (މިސާލަކަށް ޑޮލަރަށް) ނުވަތަ ޕޭޕަލްގެ އަމިއްލަ ސްޓޭބަލްކޮއިން ކަމަށްވާ ޕޭޕަލް ޔޫއެސްޑީ އަށް ބަދަލުކޮށް، ވިޔަފާރިވެރިޔާގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ. ޕޭޕަލްގެ ސްޓޭބަލްކޮއިން އަކީ އެމެރިކާ ޑޮލަރާ ގުޅުވާލާފައިވާ ފައިސާއެކެވެ. މި މުއާމަލާތްތަކަށް ޕޭޕަލް އިން ނަގާނީ އެންމެ 0.99 އިންސައްތައިގެ ޓްރާންސެކްޝަން ފީއެކެވެ. މިއީ 2026 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ހިންގާ ޕްރޮމޯޝަނެކެވެ. މިއީ އާންމުކޮށް ކްރެޑިޓް ކާޑު މުއާމަލާތްތަކުން ނަގާ 1.5 އިންސައްތަ އާއި 3.5 އިންސައްތައާ ދެމެދުގެ ފީއަށް ވުރެ މާބޮޑުތަން ކުޑަ އަދަދެކެވެ. މީގެ އިތުރުން، ވިޔަފާރިވެރިން އެމީހުންގެ ފައިސާ ޕޭޕަލްގެ ސްޓޭބަލްކޮއިންގައި ރައްކާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، އެ ފައިސާއަށް އަހަރަކު 3.7 އިންސައްތައިގެ ރިވާޑެއް ދިނުމަށްވެސް ޕޭޕަލް އިން ވަނީ ނިންމާފައެވެ. ޕޭޕަލްގެ މި ފިޔަވަޅު މި އައީ، ޓްރަމްޕްގެ ސަރުކާރުގެ ދަށުން ކްރިޕްޓޯއަށް ތާއީދުކުރާ ސިޔާސަތުތައް ގިނަވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ސިޔާސަތުތަކުގެ ސަބަބުން ޖުލައި 14 ވަނަ ދުވަހު ބިޓްކޮއިންގެ އަގު 123,000 ޑޮލަރަށް އަރައި ރެކޯޑް މުގުރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މަހުގެ ކުރީކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ޖީނިއަސް އެކްޓް" ގެ ނަމުގައި ސްޓޭބަލްކޮއިންތަކަށް ވަކި އުސޫލުތަކެއް ކަނޑައަޅާ ޤާނޫނެއް ތަސްދީގު ކުރައްވާފައެވެ. މި ޤާނޫނުގެ ދަށުން، ސްޓޭބަލްކޮއިންތައް 100 އިންސައްތަ އެމެރިކާ ޑޮލަރު ނުވަތަ ކުރުމުއްދަތުގެ ޓްރެޜަރީ ބިލް ފަދަ ރިޒާވް އެސެޓްތަކުން ބެކް ކުރަންޖެހެއެވެ. އަދި މި ރިޒާވްގެ ތަފްސީލު މަހުން މަހަށް އާންމުކުރަން ޖެހެއެވެ. މީގެ އިތުރުން، އެއީ އެމެރިކާ ސަރުކާރުން އިންޝުއަރެންސް ކޮށްފައިވާ ނުވަތަ ޤާނޫނީ ފައިސާ ކަމަށް ބުނެ، ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން މާކެޓްކުރުންވެސް މި ޤާނޫނުން މަނާކުރެއެވެ. ޕޭޕަލް އިން ކްރިޕްޓޯގެ ދާއިރާއަށް ވަދެފައިވަނީ މީގެ ކުރިންނެވެ. އެގޮތުން 2020 ވަނަ އަހަރު އެ ޕްލެޓްފޯމް މެދުވެރިކޮށް ކްރިޕްޓޯ ގަނެވިއްކުމުގެ ޚިދުމަތް ފެށިއިރު، 2023 ވަނަ އަހަރު އެ ކުންފުނީގެ ސްޓޭބަލްކޮއިން ވަނީ ތައާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ