ރައީސް ޔާމީން އިންތިޒާމްކުރާ ޕްރައިމަރީއެއްގައި ބައިވެރިނުވާނަން: އުމަރު

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޒާމް ކުރާ ޕްރައިމަރީއެއްގައި ބައިވެރިނުވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިއަދު ސަން އަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިމަރީ ބާއްވަން ޕާޓީން ހަވާލުކުރަނީ އެހެން ބަޔަކާ ކަމަށެވެ. "ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީން އިންތިޒާމްކުރާ ޕްރައިމަރީއެއްގައި އަޅުގަނޑު ބައިވެރިނުވާނަން،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިނގިރޭސިވިލާތުގައި ޕްރައިމަރީ ބާއްވަން ސިޔާސީ ޕާޓީތަކުން ހަވާލުކުރަނީ އެގައުމުގެ ޖަމިއްޔާތަކާ ކަމަށެވެ. އަދި އެމެރިކާގެ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބާއްވަން ހަވާލުކުރަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "ދާދިފަހުން އެމެރިކާގައި ރިޔާސީ ޕްރައިމަރީ ބޭއްވިއިރު، ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީން ވެސް ޕްރައިމަރީ ބާއްވާފައި ވަނީ އަޅުގަނޑު މިދަންނަވާ އުސޫލުން،" އުމަރު ވިދާޅުވިއެވެ. ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ ޕްރައިމަރީ އަކީ ފްރީ އެންޑް ފެއާ އިލެކްޝަނަކަށް ނުވާނެ ކަމަށާއި އިދިކޮޅު އެމްޑީޕީން ވެސް އެ މަންޒަރު ވަނީ ފެނިފައި ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަމިއްލަ ޖަމިއްޔާއަކާ ހަވާލުކޮށްގެން ޕީޕީއެމްގެ ޕްރައިމަރީތައް ބޭއްވޭގޮތް ހެދުމަށް ދެން ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި ހުށަހަޅުއްވާނެ ކަމަށެވެ. "ޕީޕީއެމްގެ ކޮންގްރެސް އަށް އަޅުގަނޑު ހުށަހަޅާނަން، ޕްރައިމަރީ ބޭއްވުމުގެ އުސޫލު މިދަންނަވާހެން، އެންޖީއޯއަކާ ހަވާލުކޮށްގެން ބޭއްވޭނެ ގޮތް ހެދުމަށް. އަޅުގަނޑު މިއަދު މިވާހަކަ ދެއްކީމަ ފަހަރުގައި ރައްޔިތުން ހީކޮށްފާނެ މިއީ އަޅުގަނޑު އަމިއްލަ އަށް ތައާރަފް ކުރަން އުޅޭ ކަމެކޭ. ނަމަވެސް މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލު،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ