އަދަދު ނޫހުގެ މައްސަލަ ރައީސް ހުށަނާޅުއްވާ: ތަރުޖަމާނު
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އަދަދު ނޫހުގެ މައްސަލަ އެ މަނިކުފާނު ފުލުހަށް ހުށަނާޅުއްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ. އޭގެ ފަހުން، މިރޭ، އަދަދު ނޫހުން ވަނީ އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. https://sun.mv/221200 އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ. އޭގެ ފަހުން، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެެވެ. އަދަދު ނޫހުގެ އޮފީސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރުން: ސަރުކާރުގެ ތަރުޖަމާނު ވަނީ، އަަދަދުގެ މައްސަލަ ރައީސް ހުށަނާޅުއްވާ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު އެ މައްސަލައާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން މުންދު ވިދާޅުވީ، ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅެ ގޮތުން ސަރުކާރަށް އެއްޗެކޭ ނުބުނެވޭނެ ކަމަށެވެ. "ފުލުހުންގެ ތަހުގީގަކާ ގުޅޭ ގޮތުން ކުރާ ކަމެއްގައި އެއްވެސް އެއްޗެއް ބުނާކަށް ނެތިން، ސަރުކާރަށް އެއްޗެއް ނުވެސް ބުނެވޭނެ، ނުވެސް ބުނާނަން،" އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެ މައްސަލަ ހުށަހެޅުއްވީ ރައީސްތޯ ސުވާލުތައް އަމާޒުވާކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ރައީސް މައްސަލައެއް ހުށަނާޅުއްވާ ކަަމަށެވެ. އަދަދު ނޫހަށް ފުލުހުން ވަދެފައިވާ މައްސަލައިގައި އިދިކޮޅު އެމްޑީޕީއާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަަދަދު ނޫހުގެ އޮފީސް ކުރިމަތީގައި ނޫސްވެރިން ވަނީ އިހުތިޖާޖެއް ވެސް ފަށައިފައެވެ. މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ ކަމަށް ބުނެ މީގެ ކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެ ބިލް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން އެ ބިލަށް ތާއިދުކުރާކަން ހާމަކުރިއެވެ. ނަމަވެސް އެ ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން ބިލާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އެ ބިލު ފާސްކުރި ކޮމިޓީގައި ވެސް ނޫސްވެރިން އިހުތިޖާޖުކުރިއިރު، ކޮމިޓީން ބިލް ފާސްކުރީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަަށް ބުނެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލް ފާސްކުރުމުން، ބިލް ތަސްދީގު ނުކުރަން ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލިއެވެ. ނަމަވެސް މިދިޔަ ސެޕްޓެންބަރު މަހުގެ 18ގައި ރައީސް އެ ބިލް ތަސްދީގު ކުރެއްވިއެވެ. އަދި އައު ގާނޫނުގެ ދަށުން ކޮމިޝަނެއް ވަނީ އެކުލަވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ