ސީރިއަސް ޝަކުވާތަކަކާ ގުޅިގެން އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ވޯޓުތައް އަލުން ގުނަނީ

މިދިޔަ މަހު 25 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގައި ރ. އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓު ފޮށިތައް ގުނި ގޮތާ މެދު ހުށަހަޅާފައުވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން އެ ދާއިރާގެ ވޯޓް ފޮށިތައް އަލުން ގުނުމަށް އެޕާޓީގެ އިންތިހާބީ ކޮމިޓީން ނިންމައިފި އެވެ.
ތަފްސީލު - އެމްޑީޕީން މިއަދު ވަނީ އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފަ އެވެ. މައްސަލަ ޖެހުނު ހަމައެކަނި ދާއިރާއަކީ، އިނގުރައިދޫ ދާއިރާ އެވެ. އޭގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުން މޮނިޓަރިންގައި އޮތް ތ. ދިޔަމިނގިލީގައި ވޯޓުލުން ކުރިއަށް ގޮސްފައި ނުވާތީވެ، އެ ދާއިރާ ނިސްބަތްވާ ތ. ގުރައިދޫގެ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރެ އެވެ.
ބުނީ ކީކޭ؟ - އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ މިއަދު 'ދައުރު'އަށް ވިދާޅުވީ، އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުތައް ގުނުމުގައި މައްސަލަތަކެއް ދިމާވެ ކޮމިޓީއަށް ޝަކުވާ ހުށަހެޅީ، ބައެއް ބާތިލު ވޯޓުތައް ސައްހަ ވޯޓުގެ ގޮތުގައި ގުނައި އަދި ސައްހަ ވޯޓުތައް ބާތިލު ވޯޓުގެ ގޮތުގައި ގުނާފައި ވާތީ ކަމަށެވެ.
"އެ ޝަކުވާތަކާ ގުޅިގެން އަޅުގަނޑުމެން އެއް ފޮށި ގުނިން. އެ ބުނާ ގޮތަށް ބައެއް ވޯޓުތައް ގުނުމުގައި މައްސަލަތަކެއް ދިމާވެފައި ހުރީ،" އަހުމަދު ވިދާޅުވި އެވެ.
އެ ޝަކުވާތަކާ ގުޅިގެން ކޮމިޓީން ނިންމީ:
ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ދާއިރާގެ ހުރިހާ ވޯޓެއް ގުނާނެ
ވޯޓުތައް އަލުން ގުނާނީ މަންދޫބުންނަށް އެއްބަސްވެވޭ ތާރީހެއްގައި
ގުނައިގެން ވެސް ނަތީޖާއަށް އެއްބަސް ނުވެވޭ ނަމަ އެ ދާއިރާގެ އިންތިހާބު އަލުން ބާއްވަނީ
އެނގުން މުހިންމު - އިންތިހާބުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް ކަން ފާހަގަ ކުރައްވަމުން އަހުމަދު ވިދާޅުވީ، ދިޔަމިގިލި ދާއިރާގެ ވޯޓު ފޮށި ފިޔަވާ އިތުރު ދާއިރާތަކުގައި މާ ބޮޑު މައްސަލަތަކެއް ދިމާ ނުވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން އިންތިހާބު ނުބޭއްވުނު ދިޔަމިނގިލީގެ ވޯޓުލުންވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ ހަފްތާ ހޮނިހިރު ދުވަހު ބާއްވަން. އެކަމަކު އަދި ފައިނަލް ނުވޭ،" އަހުމަދު ވިދާޅުވި އެވެ.
އެމްޑީޕީ އިންތިހާބުގެ ނަމްބަރުތައް
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 93,612 މެންބަރުން ތިބި 
އޭގެތެރެއިން ވޯޓުލާން ނިކުތީ 47,100 މީހުން، %50.31 މެންބަރުން
732 ކެންޑިޑޭޓުން ވާދަކުރި 
368 މަގާމަށް މީހުން އިންތިހާބުކުރި، އިންތިހާބަކާ ނުލާ 165 މީހަކު ހޮވުނު
ގައުމީ މަޖިލީހަށް އިންތިހާބު ކުރީ 97 މީހުން
އިތުރަށް ކިޔާލަން -
އެމްޑީޕީގެ ބާރުތައް ފުރޮޅިއްޖެ؛ ރައީސަށް 114، ނަޝީދަށް54
އެމްޑީޕީ އިންތިހާބު: ދެ ރައީސުންގެ ހިމޭން ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ