ބިލު ހުށަހަޅަނީ ރައީސްގެ 'ލަފާފުޅާ އިރުޝާދުގެ ދަށުން' ކަމަށް މެންބަރުން ބުނާ ހިސާބުން ވެސް ޝައްކު އުފެދޭ: އަހުމަދު ދީދީ ބިލު ހުށަހަޅަނީ ރައީސްގެ 'ލަފާފުޅާ އިރުޝާދުގެ ދަށުން' ކަމަށް މެންބަރުން ބުނާ ހިސާބުން ވެސް ޝައްކު އުފެދޭ: އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހަށް ޕީ.އެން.ސީ.ގެ މެންބަރުން ބިލު ހުށަހަޅާއިރު، އެ ބިލަކީ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ހުށަހެޅި ބިލެއް ކަމަށް މެންބަރުން ވިދާޅުވާ ހިސާބުންވެސް ރައްޔިތުން ޝައްކުގެ ނަޒަރުން ބަލާކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އަހުމަދު ދީދީ މިހެން ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް ނަމަ އެކަމުގައި އޮންނާނީ މަކަރާއި ހީލަތާއި ދޮގު ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
މެންބަރު ދީދީ ވިދާޅުވީ މި ބިލަކީ މުހިންމު ބިލެއް ނަމަވެސް، މިހާތަނަށްވެސް ސަރުކާރުން ކަންކަން ކުރަމުން ގެންދިޔައީ މި ބިލުގައި ހުށަހަޅާ ހިޔާލާ މުޅީން ދެކޮޅަށް ކަމަށެވެ. މިގޮތުން އައްޑޫ ހެރެތެރެ ޕްރޮޖެކްޓް ބަދަލުކުރުމުގެ ކުރިން އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ ދީދީ ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ވާހަކަ ދައްކަވާއިރު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވުމާއި، ކޮންމެ ކަމެއްވެސް ކުރައްވަނީ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވާތީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެކަމަށް ފާޑުކިޔަ އެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ޕީއެންސީގެ މެންބަރުން އާންމުކޮށް ވިދާޅުވާ އިބާރާތް ތަކުރާރު ކުރައްވައި، ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން މި ބިލު ހުށަހެޅުއްވި މެންބަރަށް ޝުކުރު އަދާކުރާކަމަށް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިނިފުޅުވި ވެޑުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ