ވޯލްޑްކަޕް ވޯލްޑްކަޕް ފަހުވަގުތު ސްޕެއިނުން ބެލްޖިއަމް ވެސް ރޮއްވާލައިފި، ސެމީގައި ފްރާންސްއާ ދެކޮޅަށް

ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމް ބަލިކޮށް، ސްޕެއިނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ބެލްޖިއަމް އަތުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކަކާއެކު ސްޕެއިނުން ވަރުގަދަ އެޓޭކިން ކުޅުމެއް ދެއްކިއެވެ. ސްޕެއިނަށް ގިނަ ހަމަލާތަކަކަށްފަހު ލީޑު ލިބުނީ މެޗުގެ 30 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ޖެހި ގޯލުންނެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުންނެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ފުރަތަމަ ހަމަލާއާއެކު ބެލްޖިއަމުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފައެވެ. ޓިމޮތީ ކަސްޓަންޔާ ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޗާލްސް ޑި ކެޓެލާ އެވެ. މިއީ މި ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ވަން ފުރަތަމަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، އެންމެ ފާހަގަކޮށްލެވެނީ ލަމީން ޔަމާލާއި މިކެލް އޮޔާޒަބަލްއަށް ލިބުނު ފުރުސަތެކެވެ. އެ ދެ ހަމަލާ ވެސް ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފައެވެ. ނަމަވެސް އަނިޔާއަކާ ގުޅިގެން މެޗުގެ 70 ވަނަ މިނެޓުގައި ބެލްޖިއަމް ކީޕަރު ކޯޓުއާ ބާލަން ޖެހުން ވެގެންދިޔައީ ބޮޑު މާޔޫސް ކަމަކަށެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ސާން ލަމެންސް އެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ސްޕެއިނުން ވަނީ ގޯލު ޖަހައި މޮޅު ޔަގީންކޮށްފައެވެ. ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަދަ 16 ގައި ޕޯޗުގަލް ކޮޅަށް ވެސް ފަހު ވަގުތު ގޯލު ޖެހި މިކެލް އޮޔާޒަބާލް އެވެ. މިރޭގެ މެޗަށް ވެސް އޭނާ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެރީނޯ މިރޭގެ މެޗުގައި ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން ޕައު ކުބާސީ ފޮނުވާލި ބާރު ހަމަލާއެއް ބެލްޖިއަމް ކީޕަރު ސާން ލަމެންސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.
ސެމީ ފައިނަލުގައި ސްޕެއިން ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ