ބިލު އޮތީ ދަންބެރަށް ވުރެ ތަގުޑިއަށް ދިގުވާ ގޮތަށް، ބޭނުމަކީ ދެވަނަ ދައުރެއް ހޯދުން: ފިއްޓޭ ބިލު އޮތީ ދަންބެރަށް ވުރެ ތަގުޑިއަށް ދިގުވާ ގޮތަށް، ބޭނުމަކީ ދެވަނަ ދައުރެއް ހޯދުން: ފިއްޓޭ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހައި ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތީ ދަންބެރަށް ވުރެ ތަގުޑިއަށް ދިގުވާ ގޮތަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
އެ ބިލުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވި ގޮތުގައި މިއީ ކޮންމެހެން އޮންނަން ޖެހޭ ބިލެކެވެ. ނަމަވެސް މި ބިލުގެ އަސްލު މަގުސަދަކީ ރައްޔިތުންނަށް ހިދުމަތް ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ހޯއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ބިލު އެއްކޮށް ކިޔާލީމައި މި ފެންނަނީ ދަންބެރަށް ވުރެ ތަގުޑިއަށް ތަންކޮޅެއް ދިގުކޮށް އޮތް ވާހަކަ. މީގެ ބޭނުމަކީ ދެވަނަ ދައުރެއް ހޯދުން. ދެވަނަ ދައުރެއް ހޯދަން މި ނޫން ވެސް ގޮތްގޮތް އެބަހުރި. އެއްގޮތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން. ހިދުމަތް ނުކުރެވެންޏާ ދެން އޮތް މަގު މިއީ،" ފިއްޓޭ ވިދާޅުވި އެވެ.
މިއީ މިސާލު ބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ އެއްޗެއް ބުނަންވެގެން އުޅޭއިރު އެއެއްޗެއް ބުނުމަށް ޓަކައި ދައްކާ އެހެން ވާހަކަތައް ގިނަވުމުން ނުވަތަ ކަމެއް ކުރުމުގައި މައިގަނޑު މަސައްކަތަށްވުރެ އެކަމާގުޅޭ އެހެނިހެން ކުދިކުދި ކަންތައްތަކަށް މާގިނަ ވަގުތު ނަގައިލުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅު އަޅުވާފައިވާ ކަމަށާއި އެެއަށް ފަހު މިފަދަ ބިލެއް މަޝްވަރާކޮށްގެން ރަނގަޅު ގާނޫނެއްގެ ގޮތުގައި ގެނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފިއްޓޭ ވިދާޅުވި އެވެ.
"ރައްޔިތުން އިންތިހާބު ކޮށްފައި މިތަނަށް ފޮނުވާ މެންބަރުންގެ ގޮނޑިއަށް ވާ ގޮތް ވެސް ރައްޔިތުން ކައިރި އަހާލަން ޖެހޭ. ރައްޔިތުންގެ މައްޗަށް ހުކުމް ކުރަން ތިބޭ ފަނޑިޔާރުންނަށް ވާ ގޮތް ވެސް އަހާލަން ޖެހޭ. މި ހުރިހާ ކަމެއް މިހެން ކޮށްފައި، ގެރި މަރުވީމާ ދެން އެކަމާ މަޝްވަރާ ކުރަން އިށީނުމުގެ ބޭނުމެއް ނެތް،" ފިއްޓޭ ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން މިއަދު ތިބި ހާލަތުގައި ތިބޭހާ ދުވަހަކު ރާއްޖެއަށް ދެން އިންސާފެއް ނާންނާނެ ކަމަށް ފިއްޓޭ ވިދާޅުވި އެވެ. އެންމެ ކަމެއްގައި ހިޔާލު ތަފާތުވުމުން އަމިއްލަ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުންތަކަށް ނުވަދެވޭ މެންބަރުން މިހާރު ވެސް މަޖިލީހުގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑަށް އެނގޭ ބިލުގެ މުހިންމުކަން، މި ބިލުގައި ލިޔެފައި އޮތް އެއްޗެއް ވެސް. އެހެން ނަމަވެސް މި ދަންނަވަނީ މަޖިލިސް މިނިވަންކޮށްދޭށޭ. މަޖިލިސް މިނިވަންވީމާ ދެން މި ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނީ. މިނިވަންކަމާ އެކު ބަސް ބުނުމުގެ ޖާގަ ދެއްވާށޭ،" ފިއްޓޭ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިތުރަށް ދިރާސާކުރުމަށް ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށެވެ.
ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާ ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
މި ބިލުގެ ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ