އަންނަ އަހަރު ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން އިތުރު ސުކޫކެއް ވިއްކަން ރާވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރުމާއެކު ރާއްޖޭގެ ސުކޫކު ދުނިޔޭގެ ބާޒާރުގައި ޓްރޭޑުކުރަމުން އަންނަ އަގު މައްޗަށް ގޮސްފި އެވެ.
މިހާރު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 87.51 ސެންޓުގަ އެވެ. މިއީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސުކޫކުގެ އަގު އެންމެ މަތިވި ފަހަރެވެ. މީގެ އަހަރެއް ކުރިން ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 87.10 ސެންޓުގަ އެވެ.
ސުކޫކުގެ އަގު މައްޗަށް ގޮސްފައި މިވަނީ ދުވަހަކު ނުވެއްޓޭހާ ދަށަށް ދިޔުމަށްފަހު އެވެ. އެޕްރީލް 7، ގައި ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 46 ސެންޓު ރޭޓުގަ އެވެ.
ރާއްޖޭގެ ސުކޫކު ޓްރޭޑުކުރަމުންދާ އަގު: ސުކޫކުގެ އަގު މިހާރު ވަނީ އަހަރެއްގެ ތެރޭ އެންމެ މައްޗަށް ގޮސްފަ -- ޗާޓު: ފްރެންފާޓު ސްޓޮކް އެކްސްޗޭންޖު
މިދިޔަ އަހަރު ފިޗު ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ސުކޫކުގެ އަގު ދަށަށް ގޮސް ޑިފޯލްޓު ވެދާނެ ކަަމުގެ އަޑުތައް ވެސް ފެތުރުނެވެ. ފިޗު ރޭޓިން އާ ގުޅިގެން ޑޮލަރަކަށް ޖެހޭ ރޭޓު ވެއްޓުނީ 66 ސެންޓަށެވެ.
ސުކޫކު ދެއްކޭނެ ކަމުގެ ބިރު އޮއްވައި، ރިފައިނޭންސް ކުރާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މިދިޔަ މަހު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ އާންމު ބައްދަލުވުމުގެ ހަވާސާގައި، ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ސުކޫކު ދައްކަން ސުކޫކު ވިއްކުމުގެ ވާހަކަ މުނައްވަރު ދެއްކެވިއިރު، މި ސުކޫކް ދައްކަން ރާވާފައިވާ ސީދާ ޕްލޭނެއް މިހާތަނަށް ސަރުކާރުން ހިއްސާނުކުރެ އެވެ. އެކަމަކު މި އަހަރަށް ފާސްކުރި ބަޖެޓުގައި، ސުކޫކު ރީފައިނޭންސް ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ.
ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރާއިރު، ހެޔޮ އަގެއްގައި ރީފައިނޭންސް ކުރަން ދަތިވާނެ އެވެ. ސަބަބަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމެވެ. ރޭޓިން ދަށް ދުވަސްވަރެއްގައި ދަރަނި ނަގާނަމަ، ދަރަނި އަދާކުރުމުގެ އަގު ބޮޑު ވާނެ އެވެ.
އެންމެ ފަހުން ނެރުނު މޫޑީސްގެ ރޭޓިން ރިވިއު އެޑްވައިޒަރީގައި ވެސް، މާލީ ހާލަތު ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ ބުރަވީ ރާއްޖޭގެ ޖަންކް ރޭޓިން ދެމެހެއްޓުމަށެވެ. މިއީ ޑީފޯލްޓުވުމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ދެވޭ ރޭޓިންއެކެވެ.
ކްރެޑިޓު ރޭޓިން ރަނގަޅުކުރަން ސަރުކާރުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ އިކޮނޮމިކް ރިފޯމް އެޖެންޑާ އެވެ. ނަމަވެސް މި އެޖެންޑާގައި ހުރި ކަންކަން ތަންފީޒުވުން ލަސް މައްސަލަ ވޯލްޑް ބޭންކުން މިފަހުން ނެރުނު ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައި ވެ އެވެ.
ރިފައިނޭންސް ކުރުމުގެ ޕްލޭނާއެކު ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ރިފައިނޭންސް ކުރުމުގެ ޕްލޭނާއެކު ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ