ފުވައްމުލަކު އަންހެން ކްރިިކެޓު މުބާރާތުގެ ތަށި ވިކެޓް ވޮރިއާސްއަށް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ފުވައްމުލަކު ސިޓީގައި ބޭއްވި ވިމެންސް ޓީ10 ކްރިކެޓް ކަޕުގެ ޗެމްޕިއަންކަން ވިކެޓް ވޯރިއާސްއިން ހޯދައިފިއެވެ. ވިކެޓް ވޯރިއާސްއިން ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގެ ފައިނަލުގައި 24 ލަނޑުގެ ތަފާތުން ޓީމް ބެޓްލިން ބްލާސްޓާސް ބަލިކޮށްގެންނެވެ. ފައިނަލު މެޗުގައި ޓޮސް ދިމާވުމުން ވިކެޓް ވޯރިއާސްއިން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް ހެދިފައިވަނީ 49 ލަނޑެވެ. ޖަވާބުގައި ބެޓްލިން ބްލާސްޓާސް ކުޅެންއަރާ 8.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 25 ލަނޑެވެ. މި މުބާރާތުގައި ފަސް ޓީމެއް. ވަނީ ވާދަކޮށްފައެވެ. އެއީ މާކޯނިއާއި، ބެޓްލިން ބްލާސްޓާސްއާއި، ކަނބުލޮއާއި، އޯކިޑު އަދި ވިކެޓް ވޯރިއާސްއެވެ. ތިން ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްގޮސްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ އެގާރަ މެޗުވަނީ ކުޅެފައެވެ. މިއީ މި މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ