ބިންވެރިޔާ ސްކީމްގެ ގޯތި އެއްބަސްވުންތައް ގާނޫނާ ފުށުއަރާ، އޭޖީގެ ލަފާ ހޯދާނަން: މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއް ހިމެނޭ ގޮތަށް ހަދާފައިވާ ގޯތީގެ އެއްބަސްވުންތައް ގާނޫނާ ފުށުއަރާތީ އެކަމުގައި ބަންޑާރަނައިބުގެ ލަފައެއް ހޯދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ހަވާލާދީ، މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ގޯތިތަކުގެ އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް އެބަ ހުއްޓެވެ.
ތަފްސީލު - މިނިސްޓްރީގެ ބަޔާނުގައި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ބުނީ:
"ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތަކުން ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވާ ދިވެހި ރައްޔިތުންނަށް ކަމަށް" އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް
އެފަދަ މީހަކަށް އަނެއްކާވެސް ބަންޑާރަ ގޯއްޗެއް ދެވޭނީ، އޭނާއަށް ކުރިން ލިބިފައި އޮތް ތަން/ފްލެޓް ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް
"ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުުސޫލާއި އެ އުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކޮށްލަން ޝަރުތުކޮށްފައި ވަނީ ހަމަައެކަނި މާލެ ސަރަހައްދުން ލިބިފައިވާ 600 އަކަ ފޫޓަށް ވުރެ ކުޑަ ގޯތިތައް،" އެކަނި ކަމަށް ބަޔާނުގައި ބުންޏެވެ.
އެހެންވެ، މިނިސްޓްރީން ބުނީ، މި ގާނޫނީ ފުށުއެރުން ހައްލުކުރަން ބަންޑާރަނައިބު އޮފީހާ އެކު މަޝްވަރާކޮށް "ޖުމްލަ ހައްލެއް' ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުގައި ދެ ފަހަރެެއްގެ މަތިން ބަދަލު ގެނެސްފައިވެ އެވެ. އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި މޭ މަހު ވަނީ އަލުން ގުރު ނަގާފަ އެވެ. 
އެހެންވެ ކުރިން ދީފައި އޮތް ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ބާތިލުވެފައި ވާތީ، އަލުން ގުޅިފަޅުން ގޯތި ލިބުނު މީހުނާ އެކު އެއްބަސްވުން ހަދަން މިނިސްޓްރީން އޮތީ މީގެ ކުރިން ނިންމައި،  ރަޖިސްޓްރޭޝަނަށް ހުޅުވާލައިފަ އެވެ.
މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ގުޅިފަޅު ގޯތިތަކުގެ އެއްބަސްވުން ހަދާނީ ކުރިން ހަދާފައި އޮތް އެއްބަސްވުން އިސްލާހުކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަށް ގެންނާނީ ސީދާ ކޮން އިސްލާހެއް ކަމެއް ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ. 
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާ އެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ބަންޑާރަނައިބުގެ ލަފާ ހޯދަނީ އެހެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ