ޝަކުވާކުރި ނަމަވެސް، ގުޅީފަޅު ގޯތީގެ އައު އެއްބަސްވުމުގައި ސޮއިކުރުވަން ނިންމައިފި
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް މި ސަރުކާރުން އާންމުކުރި އުސޫލާ ގުޅިގެން ޝަކުވާކުރި ނަމަވެސް، އައު އެއްބަސްވުމުގައި ސޮއިކުރުވަން ހައުސިން މިިނިސްޓްރީން ނިންމައިފިއެވެ. ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ. ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ 'މާލެ ސަރަހައްދުން' އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދު' ކަމަށް ބަދަލުކޮށްފައެވެ. https://sun.mv/208295 މިކަމާ ގުޅިގެން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، މިއަދު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ބިން ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައި ވާކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށް މި އިއުލާނުގައި ވެއެވެ. އެހެންކަމުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ނުދެކޭކަމަށް އެ އިއުލާނުގައި ވެއެވެ. އެހެންކަމުން، ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިދިޔަ މެއި މަހުގެ 30ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތުލުމުން އެމީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، މިހާރު އެމީހުންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާގުޅޭ މާއްދާ އިސްލާހުކުރުމަށްޓަކައި އައު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައި ވާކަމަށް އެ އިއުލާނުގައި ވެއެވެ. https://sun.mv/208278 "މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" އެ އިއުލާނުގައި ވެއެވެ. މި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވެސް ވިދާޅުވީ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު މިދިޔަ އަންގާރައިގައި ހުޅުވާލިއެވެ. އެ ލިޔުންތައް ދޫކުރަން ފަށާފައިވަނީ މިއަދު 09:30 އިން ފެށިގެންނެވެ. އެކަމަކު ގުޅީފަޅު އެސޯސިއޭޝަނުން އެދުނީ ސަރުކާރުން ބަދަލު ގެނެސްފައިވާ ގުޅީފަޅު ގޯތި އެއްބަސްވުމުގައި، ގޯތި ލިބުނު އެއްވެސް މީހަކު ސޮއި ނުކުރުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް، ކުރީގައި އޮތް އުސޫލަށް އެނބެރި ރުޖޫއަވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ