ކޮންމެ ކަމެއްގައި، ކޮންމެ ބޭނުމެއްގައި މީހަކާއި ބައްދަލުކުރިނަމަވެސް ތިމާގެ ބޭނުމަށްވުރެ ބައްދަލުކުރާ މީހާ މުހިންމުކުރާށެވެ. އޭނާގެ އަގުވަޒަންކުރާށެވެ. އެއީ ކިތަންމެ ދަށްފެންވަރުގެ މަސައްކަތެއްކުރާ މީހަކު ނަމަވެސްމެއެވެ.
ﷲ ތަޢާލާ އިންސާނުން އުފައްދަވާފައި މިވަނީ ވަރަށް ތަފާތުކޮށެވެ. އެކިމީހުން ކުރާނީ އެކި މަސައްކަތެވެ. އެހެނަސް ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. އެންމެ އާދައިގެ ގޮތަކަށް ބަލާނަމަ ގޭގައި ގެންގުޅޭ ނޯކަރުންނަކީވެސް މުހިންމު ބައެކެވެ. އަހަރެމެންނަށް އަރާމުގައި ދިރިއުޅެވެނީ އަހަރެމެން ކުރަންޖެހޭ މަސައްކަތް އެމީހުން ކުރާތީއެވެ.
ފިހާރަތަކުގެ ވިޔަފާރި ކުރިއެރުމަށް ބެލިނަމަވެސް އެންމެ ބާރަށް ކުރިއަރައިގެންދާނީ ފިހާރައިން ވިޔަފާރިކުރަން އަންނަ މީހުންނަށް އިސްކަންދިނުމުންނެވެ. އެމީހުންގެ އަގުވަޒަންކުރުމުންނެވެ. ތަންކޮޅެއް އާދައިގެ ހެދުމެއްގައި ހުރުމުން އެމީހަކީ ތަނަވަސް މީހެއް ނޫންކަމަށް ބަލައި ނިކަމެތިކުރާނަމަ އެފިހާރައެއްގެ ވިޔަފާރި ކުރިއަރައިގެން ދިއުން އޮންނާނީ ދުރުގައެވެ. ސަބަބަކަށްވަނީ އެއްވެސް މީހަކު ނިކަމެތި ކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމަކަށް ނުވުމެވެ.
ތިމާއަކީ ފައިސާވެރިއަކަށްވެސް ވެދާނެއެވެ. މަތީ މަޤާމެއްގައި ހުރި މީހަކަށްވެސް ވެދާނެއެވެ. އޮފީހަކުން ނުވަތަ ތަނަކުން ޚިދުމަތެއް ހޯދަން ގޮސް ބައްދަލުކުރަނީ ވަރަށް އާދައިގެ ފެންވަރުގެ މުވައްޒިފަކާއިކަމަށްވެދާނެއެވެ. އެޙާލަތުގައިވެސް އޭނާއަކީ މާދެރަ މީހެއް ކަމަށް ބަލައި ނިކަމެތިނުކުރާށެވެ. ހިތުގައި ޖެހޭނެ ބަސްތައް ނުބުނެ އޯގާތެރިކަމާއެކު މުޢާމަލާތުކުރާށެވެ.
އަހުރެމެންނަކަށް އަނެކާގެ ހުރި ތަޤްވާވެރިކަމެއް ނުއެނގޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މިންވަރެއް ނުއެނގޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ކޮންމެ މީހަކަށްވެސް އިޙްތިރާމްކުރުމެވެ. ހެޔޮކޮށް ހިތުމެވެ. ރިވެތި ގޮތުގައި މުޢާމަލާތު ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ފައިސާވެރިވެފަ ކިތަންމެ މަތީ މަޤާމެއްގަ ހުރިނަމަވެސް އެންމެ ނިކަމެތި މީހުންނަށްވެސް ކަމޭހިތައި އިޙްތިރާމްކުރާށެވެ! އެއީ ތިބާއަށްވުރެ ބޮޑަށް ﷲ ލޯބިވެވޮޑިގަންނަވާ މީހަކަށް ވެދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ