ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވިކްޓަރީ އަށް ކުރިއެރުން ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވިކްޓަރީ އަށް ކުރިއެރުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 1-0 އިން ހޯދި މޮޅާ އެކު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގައި ކުރިއަށްދިއުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.
ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ، ރަސްމީކޮށް ހަވާލުވި ފަހުން، ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 4-0 އިން ބަލިވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން މި ވަނީ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެފަ އެވެ. ޖެހިޖެހިގެން ހޯދި ދެ މޮޅާ އެކު، ލީގުގައި ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ހޯދައި، ވިކްޓަރީން މި ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވިކްޓަރީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 73 ވަަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީގެ އޭރިއާތެރެއިން ލިބުނު މި ފުރުސަތުގައި ވިކްޓަރީގެ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް، ވްލަޑިމިއޭ އެވަޓަން އެވެ. އެ ގޮތުން، އެވަޓަން ފުރަތަމަ ފޮނުވާލި ބޯޅަ ބްލޮކްވުމުން، ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި، އޭނާ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ވިކްޓަރީން ސީޒަން ފެށީ، އެސިސްޓަންޓް ކޯޗު، އާދަމް އަބްދުއްލަތީފް (ލައްޗޭ)އާ އެކު އެެވެ. ލައްޗޭއާ އެކު، ވިކްޓަރީން ވަނީ، ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެފަ އެވެ.
މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީ އަށް ލީގުގައި ކުޅުނު ހަ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ