އިމިގްރޭޝަނުން 70 ވަޒީފާއަށް ހުޅުވައިލި ވޯކިން އިންޓަވިއުއަށް 500 އަށްވުރެ ގިނަ މީހުން ގޮސްފި

އިމިގްރޭޝަނަށް 70 އޮފިސަރުން ނެގުމަށް މިއަދު ބޭއްވި ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. ވޯކްއިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. އެ އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ ވަޒީފާއަަަށް އެދޭ އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތަކެވެ. އިމިގްރޭޝަނުން ބުނީ 70 އޮފިސަރުން ނެގުމަށް މިއަދު ހުޅުމާލެ ފޭސް-2 ގެ ސަލާހުއްދީން ސްކޫލްގައި ބޭއްވި ވޯކިން އިންޓަވިއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މި އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިކަމަށް ބުންޏެވެ. އިމިގްރޭޝަނަށް އޮފިސަރުން ނެގުމަށް މިއަދު އިންޓަވިއު އޮންނަކަން އިއުލާނު ކުރީ މިދިޔަ ހަފްތާގައެވެ. އޭގައި ބުނެފައިވަނީ މި އިންޓަވިއުގައި ބައިވެރިވެވޭނީ 30 އަހަރުން ދަށުގެ ޒުވާނުންނަށްކަމަށެވެ. މި މަގާމަށް އަސާސީ މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ. މިދިޔަ މެއި 25ގައި، 50 ވަޒީފާއަށް މީހުން ހޯދުމަށް އިމިގްރޭޝަނުން ވޯކްއިން އިންޓަވިއުއެއް ބޭއްވިއެވެ. އެ އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ