ދިވެހި ޕްރިމިއާ ލީގު: ބުރު އަތުން ނިއު ރޭޑިއަންޓަށް އުނދަގޫ މޮޅެއް ދިވެހި ޕްރިމިއާ ލީގު: ބުރު އަތުން ނިއު ރޭޑިއަންޓަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން 2-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އުނދަގޫ މޮޅެއް ހޯދައިފި އެެވެ.
މި ނަތީޖާއާ އެކު، ނިއު ތިން ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ އެއްވަރަށް ހަ މެޗުން 16 ޕޮއިންޓް ހޯދި ނަމަވެސް، ލަނޑުގެ ތަފާތުންނެވެ. އޮޑި އަށް ނިއު އަށް ވުރެން ފައިދާ ލަނޑު އެއް ގޯލު އިތުރެވެ. ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުން ހަތަރު ސީޒަނުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއު އިން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ 21 ވަނަ މިނިޓްގަ އެވެ. ބުރުގެ ކުޅުންތެރިން އަތުން ދޫވި ބޯޅައެއް ހޯދައި، ނިއުގެ މޫސާ ޔާމިން (ޔާމްބެ) އޭރިއާތެރެއަށް ވަދެ، ބޯޅަ ގޯލަށް ފޮނުވާލީ ތިރިތިރިންނެވެ. އެ ބޯޅަ ހުއްޓުވަން ބުރަށް ކުޅޭ ގައުމީ ޓީމުގެ ކީޕަރު، މުހައްމަދު ފައިސަލް އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ނިއު އަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިން ޔާމްބެ ސަޕޯޓަރަކާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ކުޅުން ރަނގަޅުކޮށް، ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަން ފެށި، ބުރުން ވަނީ 35 ވަނަ މިނިޓްގައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ. މި ފަހަރުގެ ސީޒަނުގައި ނިއު އިން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ވަން ފުރަތަމަ ގޯލެވެ. އެ ގޮތުން، ނިއުގެ އޭރިއާ ރޮނގުކައިރިން ބުރުގެ އަލީ އިޝްފާގު ހަަސަން މަޖީދު (އިސްޕަ) އަށް ލިބުނު ފުރުސަތެއްގައި، އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ގޯލުގައި ހުރި، ޕާކިސްތާންގެ ގޯލްކީޕަރު، ހަނީފް ސާގިބް އަތްމަތިން ގޮހެވެ.
މެޗުން ނިއު މޮޅުކޮށްދިން ގޯލު ޖެހީ 67 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ، ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި އޭރިއާތެރެއިން ހަންނަ އަށް ދިން ބޯޅައަކުން ޖެހި ގޯލެކެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ހަންނަ ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ބުރުގެ އޭރިއާތެރެއިން ނިއުގެ ހަންނަ ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަަމަކުރަން ބުރުން އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ނުޖެހުނެވެ. ބުރުގެ މުހައްމަދު ނާއިމް އަށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި ފަހަރުގެ މުބާރާތުގައި ބުރުން ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ ނަތީޖާއާ އެކު އެ ޓީމު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ހަތަރަކަށް އެރީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ، ހަ މެޗުން ނުވަ ޕޮއިންޓް ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. އީގަލްސް އިން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިނުވާއިރު، ޓީސީން ވަނީ އެއް މެޗުން މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ