އީސީން އުވާލި ޕާޓީއެއް އަލުން އިޔާދަކޮށްފި
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީ އިއާދަކޮށް، ޕާޓީތަކުގެ ދަފުތަރުގައި އަލުން ހިމަނައިފި އެވެ.އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަންސްއިން ހުއްދަ ދިނީ 2018 ވަނަ އަހަރު އެވެ. ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް އިން އިއުލާނު ކުރީ 15 މާޗު 2023 ގަ އެވެ.އީސީއިން އޭރު ބުނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ.ޕާޓީ އުވާލުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުގައި ރެޖިސްޓާކުރީ 5 ޖުލައި 2023 ގަ އެވެ.އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ. އަދި އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުން ރިވިއުކުރުމަށް އަންގާފައިވެ އެވެ.އީސީގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ