'ހިޔާވެހި' ފައިނޭންސިން ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުގައި ވަކި ހާއްސަ ލުއި ގޮތްތަކެއް ނުހިމެނޭތީ ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ރައީސް މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފި އެވެ.
އެނގުން މުހިއްމު - ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް %5 އިންޓްރެސްޓުގައި ލޯނު ދޫކުރުމުގެ ވައުދުގެ ދަށުން ލޯނު ދޫކުރުމަށް ކުރިއަށް ގެންދާ ސްކީމެކެވެ.
ތަފްސީލް - ތިން ކެޓަގަރީއަކުން ދޫކުރާ އެ ލޯނު ދޫކުރުމުގައި ވަކި ހާއްސަ ލުއި ގޮތްތަކެއް ނެތްކަން ފާހަގަކުރައްވާ، ރައީސް މުއިއްޒަށް މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގެދޮރު އަޅަން މާލީ ދަތިތައް ހުންނަ މީހުންނަށް އެ ލޯނު ދޫކުރަން ކަނޑައަޅާފައިވަނީ 'އާންމު އުސޫލުން' ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑު ކަމަށެވެ.
އެގޮތުން، މެންބަރު ފާހަގަކުރެއްވި ގޮތުގައި:
އާމްދަނީގެ %40އަށް ވުރެ ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑު ނަމަ، ލޯނަށް ޝަރުތު ހަމައެއްނުވޭ
މިސާލަކަށް 6 މިލިއަން ރުފިޔާގެ ލޯނެއް %5 އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ނަމަ، މަހަކު 35،000ރ. ލޯނަށް ދައްކަން ޖެހޭ
އިމާރާތުގެ %80 ދިރިއުޅުމަށް ބޭނުންކުރަން ޖެހޭ ގޮތަށް އޮތުމުން ކުލިން އާމްދަނީ ހޯދައިގެން ލޯނު ދެއްކޭނެ ގޮތެއް ނެތް
މެންބަރު ވިދާޅުވީ ލޯނު ދޫކުރާ އުސޫލު މިހާރު އޮތް ގޮތުން މާލޭގެ ގިނަ ރައްޔިތުން ލޯނަށް ޝަރުތުހަމަނުވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން، އެކަމާ މެދު ވިސްނާވަޑައިގެން ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވައި ގިނަ ބަޔަކަށް ލޯނު ލިބުމުގެ ފުރުސަތު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސް އަރިހު ވަނީ އެދިވަޑައިގެންފަ އެވެ.
ގުޅުން ހުރި - 'ހިޔާވެހި'ގެ ނަމުގައި ދޫކުރާ ލޯނު ލިބޭ މީހުން ކަނޑައަޅަނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.
ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު
އިންޓްރެސްޓް ރޭޓު - %5
ލޯނު އަނބުރާ ދައްކަން - ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން)
ގްރޭސް ޕީރިއަޑު - ގިނަވެގެން 18 މަސް
އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ %15؛ އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު
ލޯނު ދޫކުރާ ތިން ކެޓަގަރީ:
ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
'ހިޔާވެހި' ލޯނު ދޫކުރާ މިންގަނޑު ލުއިކޮށްދޭން އެދި ރައީސަށް ސިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ