ޑޭވިސް ކަޕްގެ އޭޝިއާ/އޯޝެނިއާގެ ގްރޫޕް ޑީގައި ރާއްޖޭގެ ގައުމީ ފިރިހެން ޓެނިސް ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ގްރޫޕް ފަހެއްގެ، ގްރޫޕް ޑީގައި ރާއްޖެއާ އެކު ހިމެނެނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މަކާއު އަދި ތަޖިކިސްތާން އެވެ. މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނެނީ، އަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒް އެވެ. ރާއްޖޭގެ ޓާގެޓަކީ، ގުރޫޕް ފަހެއްގެ މެޗުތައް ކާމިޔާބުކޮށް ގުރޫޕު ހަތަރަކަށް ކޮލިފައިވުމެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި ނުކުތީ މަކާއުއާ ދެކޮޅަށެވެ، އެ މެޗުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ދާއޫދު ޝަހީބު އަތުން މަކާއުގެ ލޮއި ޓޯއު ޝެއޮން މޮޅުވީ 7-6، 6-0 އިންނެވެ. ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި، ރާއްޖޭގެ ފާއީ ވަނީ 6-1، 6-3 އިން މަކާއުގެ ލޮން ޝޮން ހޯ އަތުން މޮޅުވެފަ އެވެ. ދެން، ކުޅުނު ޑަބަލްސް މެޗުން ރާއްޖޭގެ ދާއޫދާއި ސާއިގެ ޕެއާ އިން ވަނީ 6-2، 6-1 އިން މަކާއުގެ ލޮއި އާއި ލޮންގެ ޕެއާ އަތުން މޮޅުވެފަ އެވެ.
ދެ ވަނަ މެޗުގައި، ރާއްޖޭން ޔޫއޭއީގެ މައްޗަށް ކުރިހޯދީ ވެސް 2-1 އިންނެވެ. ފުރަތަމަ ސިންގަލްސްގައި، ދާާއޫދު އަތުން ޔޫއޭއީގެ އަބްދުލް ރަހުމާން އަލް ޖަނާހީ މޮޅުވީ 6-3، 6-1 އިންނެވެ. ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި، ރާއްޖޭގެ ފާއީ ވަނީ ޔޫއޭއީގެ އަހުމަދު ބަދުރީ 6-0، 6-2 އިން ބަލިކޮށްފަ އެވެ. ދެން، ކުޅުނު ޑަބަލްސް މެޗުން ރާއްޖޭގެ ފާއީ އާއި ދާއޫދުގެ ޕެއާ އިން ވަނީ 6-2، 7-6 އަދި 6-1 އިން ޔޫއޭއީގެ އަހުމަދު އަލް އަހްލީ އާއި ޖަނާހީގެ ޕެއާ އަތުން މޮޅުވެފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި، ރާއްޖޭން މިއަދު ކުޅޭނީ ތަޖިކިސްތާނާ އެވެ. ރާއްޖެ މި ވަގުތު ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގްރޫޕް ޑީގެ ކުރީގައި އޮތްއިރު، ތަޖިކިސްތާން އޮތީ ދެ މެޗުން ވެސް ބަލިވެ ތާވަލުގެ ފުލުގަ އެވެ.
ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ދާދި ފަހުން ވަނީ، ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ ގްރޫޕް ތިނެއްގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރާއްޖޭން ހިމެނުނު ގްރޫޕްގައި ބަހުރޭން އާއި ވިއެޓްނާމް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލުގައި ޖޯޑަން އަތުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދި އެވެ. އެކަމަކު ފައިނަލުގައި ލާއޯސް އަތުން ބަލިވެ، ގްރޫޕް ދޭކަށް ޕްރޮމޯޓްނުވެވުނެވެ.
ޑޭވިސް ކަޕް ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅު ޑޭވިސް ކަޕް ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ