މާލޭ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ނުކުމެވަޑައިގެން ހުންނެވި އާދަމް އާޒިމްގެ އެމްޑީޕީ ސިފަ ނެތް ކަމަށާއި އޭނާ ފޮރުވަނީ މިހާރުގެ ރައީސް އަދި އޭރު މޭޔަރުކަމުގައި ހުންނެވި މުހައްމަދު މުއިއްޒު ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ކަންކަން ކަމަށް އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލު - އެމްޑީޕީގެ މާލޭ މޭޔަރު ޓިކެޓަށް އާދަމް އާޒިމްއާ ވާދަ ކުރައްވަނީ އަލީ އާޒިމް އެވެ. މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އަލީ ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި، އޭނާގެ ވާދަވެރިޔާ، އާޒިމްއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒަށްވެސް ސީރިއަސް ތުހުމަތުތަކެއް އޭނާ ކުރެއްވި އެވެ.
ތަފްސީލު - ނިމިިދިޔަ 19 ވަނަ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެންބަރުކަމާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އަލީގެ ވާހަކައިގެ ފުރަތަމަ ބައި އޭނާ އަމާޒު ކުރެއްވީ، އެމްޑީޕީ އުފެދުނު އަސާސްތަކާއި ގަބޫލު ކުރާ ހަމަތަކުގެ މައްޗަށެެވެ.
އެގޮތުން އާޒިމް ވިދާޅުވީ، އެޕާޓީއަކީ އަބަދުވެސް ވައްކަމާއި ހިޔާނާތާ ދެކޮޅު ދެ ފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ފެށުނީއްސުރެ ވަކާލާތު ކުރަމުންދިޔަ ކަންކަން ކަމަށެވެ. އަދި އާދަމް އާޒިމްއަކީ، އެ ސިފަތަކާ ދުރު ބޭފުޅެއްގެ ގޮތުގައި އަލީ އާޒިމް ފާހަގަކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
މާލެ ސިޓީކައުންސިލްގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު، އެ ކައުންސިލްތެރޭގައި އެމަނިކުފާނު އިންތިހާއަށް ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތު ކުރެއްވި
އޭގެ ތެރޭގައި މާލޭގެ ބިންތައް ހިތުހުރި އަގަކަށް ހިތުހުރި ބަޔަކަށް ދިނުމާއި ފައިސާ ދޫކުރުމަށްފަހު، އެތައް ޕްރޮޖެކްޓްތައްވެސް ނުހިންގާ އެބަހުރި
މޭޔަރުކަމުން ރައިސްކަމަށް މުއިއްޒު ވަޑައިގަތުމަށްފަހު، ސިޓީ ކައުންސިލަށް ވަޑައިގެން އެތަނުގައި ހުރި ހުރިހާ ލިޔުންތަކެއް ހައުސިން މިނިސްޓްރީ ތެރެއަށްލި؛ އަދި އޭގެ ފަހުން ހައުސިން މިނިސްޓްރީ ތެރޭގައި ރޯވުމަކީ، އާޒިމް ގަބޫލު ކުރައްވާ ގޮތުގައި އިއްތިފާގެއް ނޫން
އެތަނުގައި ރޯވުމުން، އެ ވައްކަންތަކުގެ ތަފްސީލު ދެން ނުލިބޭނެ ކަމަށް ރައީސް މުއިއްޒު ހީކުރެއްވި
"ހިތާމައަކީ، މި ކަންކަން [ރައީސް މުއިއްޒުގެ ހިޔާނާތްތައް] ފޮރުވުމަށް އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިވާ މޭޔަރެއް މިކަންކަމަށް ވާގިވެރިވަމުންދާކަން، މޭޔަރު އާދަމްއަށް ތުހުމަތު އަމާޒުކުރައްވަމުން އަލީ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ކުރިން މި ދެންނެވި އަސާސް، [އާދަމްގެ] ކޮބާ ހަމަ؟ ކޮބާ އުސޫލު؟ ކޮބާ ދެ ފުށް ފެނުނު؟ ކޮބާ ތަންތަނަށް ހުށަހަޅަން ޖެހޭ މައްސަލަތައް. މީގެން އެއްވެސް ކަމެއް [އާދަމްގެ] ނެތް."
އެއާއެކު އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި ހައުސިން މިނިސްޓްރީ "އަންދާލީ"، މޭޔަރު އާދަމް އާއި ރައީސް މުއިއްޒުއާ "ގުޅުން އޮވެގެން" އެ ލިޔުންތައް އެ މިނިސްޓްރީއަށް ލުމަށް ފަހު އެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ކުރީ ކޮޅު ހިނގި އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އިތުރު ދެ މިނިސްޓްރީގެ އިމާރާތް އެކޮށް އަނދައި ހުލުވި އެވެ.
ދައުލަތުގެ މުހިންމު ލިޔުންތަކެއް ގެއްލުނު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެއާ ގުޅޭ ގޮތުން ކުރި ތަހުގީގުގެ ތަފްސީލުތަކެއް އަދި މިހާތަނަށް އިދާރާތަކުން ހާމައެއް ނުކުރެ އެވެ.
އަލީ ވިދާޅުވި ގޮތުގައި އެތަނުގައި އަލިފާނުގެ ހާދިސާ ހިގައިގެން ލިޔުންތައް ގެއްލުނު ނަމަވެސް އެ ހިޔާނާތުގެ މައްސަލަތައް ބެލޭނެ އެވެ. އޭނާގެ ކަންބޮޑުވުމަކީ، އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިވާ މޭޔަރު އާދަމް އެ މައްސަލަތައް ބެއްލުމަށް ނޫޅުއްވުމެވެ.
"މިކަންކަން ނުބެލި އޮތުން މިއީ އަޅުގަނޑުމެން އެމްޑީޕީ މެންބަރުން ކަންބޮޑުވާން ޖެހޭ ކަމެއް. އަމިއްލަ މަސްލަހަތައްވުރެ، ވިޔަފާރީގެ މަސްލަހަތައްވުރެ، މި ޕާޓީގެ އަސާސްތަކާއި މި ޕާޓީގެ އުސޫލުތަކާއި މި ޕާޓީގެ ހަމަތައް ކުރިއަށް ގެންދިޔުމަކީ، މި ޕާޓީ ދެކެ އަނެއްކާ ވެސް ރައްޔިތުން ލޯބިވާނެ ކަންކަން. އެކަން ކުރަން އަޅުގަނޑު އައިސް މިހުރީ،" މޭޔަރުކަމުގެ ރޭހަށް ނުކުމެވަޑައިގެން ހުންނެވި ސަބަބު ހާމަ ކުރައްވާ އަލީ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
އާޒިމްގެ އާއިލީ މަސްލަހަތު އޮންނަ އާރުސީސީއަށް މާލޭގެ ތަންތަން އެއްވެސް އުސޫލެއް ބިޑް ކުރުމެއް ނެތި ދެމުންދާ ތުހުމަތު ކުރެއްވި؛ އެއީ މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން އެމްޑީޕީއާ ޝަކުވާކުރާނެ ކަމެއް
މާލެއިން ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެ ކުންފުންޏަށް ދީފައިވާ ބިންތައް ކަމަށް
"މިއީ އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެން ޖެހޭ ކަމެއްތޯ؟ މާލެ މޭޔަރު އެދަނީ، އެންމެ އަގު ބޮޑު ބިމުން ވަކި ބަޔަކަށް ތަންތަން ދެމުން. އެކަން އަޅުގަނޑުމެންނަށް އޯކޭއެއް ނޫން. އެހެންވެ އަޅުގަނޑު ނުކުމެ މިހުރީ. ތިބޭފުޅުންނަށް ތަނަވަސް މާލެއެއް ހޯދައިދިނުމަށް،" އަލީ ވިދާޅުވި އެވެ.
މި ރޭހަށް އޭނާ ނުކުތުމުން ކުރިއެރުމެއްވެސް ލިއްބިއްޖެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެއީ މާލޭ ބިންތަކާއި ތަންތަން ކުއްޔައް ދިނުމާ ގުޅޭ ތަފްސީލުތައް މިދިޔަ ދެ އަހަރު "ސިއްރުކޮށްފައި" އޮތުމަށްފަހު، އެ ޖަލްސާއަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ގެޒެޓް ކުރުމުންނެވެ.
އާޒިމްގެ ވާހަކައިގައި އޭނާ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މާލޭގެ މޭޔަރުގެ މަގާމަށް މިއަދު ނުކުމެވަޑައިގެން ހުންނަވައި ވާހަކަ މި ދައްކަވަނީ އެ ދެ ބޭފުޅުންގެ ކިބައިން ވެސް ހިތްވަރު ލިބިގެންކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ޝުކުރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެޕާޓިގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ހިމެނުއްވި އެވެ.
އާދަމްގެ އެމްޑީޕީ ސިފައެއް ނެތް، ފޮރުވަނީ 'މޭޔަރު މުއިއްޒު'ގެ ވައްކަން: އަލީ އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ