ޢަލީ އިޙްޞާން ފިރާޤް
ހަނގުރާމައިގެ ކަންތައްތަކުން އަވަދިވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެން ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާ މުދަލާއި އަސީރު މުޖާހިދުންގެ މެދުގައި ބެއްސެވިއެވެ. ހައްޔަރުކޮށްގެން ގެނެވުނު އަސީރުންތައް ބެއްސެވި ބެއްސެވުމުގައި މުސްތަލިޤުވަންހައިގެ އަމީރާ ލިބިވަޑައިގަތީ މަޝްހޫރު ޞަޙާބީ ޘާބިތު ބިން ޤައިސް ރަޟިޔަالله ޢަންހުއަށެވެ. ޘާބިތުގެފާނަކީ އަންސާރުންގެ ތެރޭގައި ހުންނެވި ދަރަޖަމަތިވެރި ޚުލްޤުފުޅު ހެޔޮ ބޭކަލެކެވެ.
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ބައްރާ އުފަންވެވަޑައިގެން ބޮޑުފުޅުވީ ނުހަނު އަރާމާއި ނިއުމަތުގައެވެ. ބައްޕާފުޅަކީ ޤަބީލާއެއް ވެރިއެއްކަމުން އެކަމަނާއަށް އުނދަގޫފުޅުވާ އެއްވެސް ކަމެއްނޯވެއެވެ. އެކަމަނާގެ ޚިދުމަތުގައި އަބަދުވެސް މީހުންތިބެއެވެ. އެފަދަ އަރާމާއި ނިއުމަތުގައި އުޅުއްވުމަށްފަހު މީހެއްގެ އަޅުވެތިކަމުގައި އިންނެވުމަކީ ބައްރާއަށް ވަރަށް އުނދަގޫފުޅުވިކަމެކެވެ. ހިތްޕުޅަށް ދަތިކަން ލިބިވަޑައިގެންނެވިކަމެކެވެ. ބަރުދާސްތު ކުރައްވަން އުނދަގޫފުޅުވިކަމެކެވެ.
އެހެންކަމުން އެކަމަނާ އެކަމަނާގެ ސާހިބު ޘާބިތު ބިން ޤައިސް ރަޟިޔަالله ޢަންހު އާ ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ މިނިވަންކަމުގެ އަގަކީ ކޮބައިތޯ މަޝްވަރާ ކުރެއްވިއެވެ. ނުވަ އުޤިއްޔަތުގެ ރަންދެއްވައިފިނަމަ އެކަމަނާ މިނިވަން ކުރައްވާނެކަމަށް ޘާބިތުގެފާނު ވިދާޅުވިއެވެ. ނަމަވެސް އޭރު އެހާ ބޮޑު އަދަދެއްގެ ރަން ދެއްވޭނެ ގޮތެއް އެކަމަނާގެ ނެތެވެ. ބައްރާއަކީ ނުހަނު ހިތްވަރުފުޅުގަދަ ކަންކަމުގައި ކެރިވަޑައިގަންނަވާ ބޭކަނބަލެކެވެ. ނުހަނު ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. ފަޞާހާތްތެރި ނުހަނު ބަލާޣާތްތެރި ބޭކަނބަލެކެވެ. އެކަމަނާ ޤަސްތުކުރެއްވީ އެހީފުޅު ހޯއްދެއްވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވުމަށެވެ.
ބައްރާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވީ އެކަލޭގެފާނު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުގައި އިންނަވަނިކޮށެވެ. ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި އެކަމަނާއަށް ބައްރާ ފެނިވަޑައިގަތުމުން އެކަމަނާއަށް ނުރުހުންތެރިވެވުނެވެ. ބައްރާއަކީ މީހުންގެ ނަޒަރު ހުއްޓޭފަދަ ރީތިފުޅުކަމެއް ލިބިވަޑައިގަންފައިވާ ބޭކަނބަލެކެވެ. ބައްރާ ވަޑައިގެން މާތް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ.
[އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑަކީ ބަނުލްމުޞްޠަލިޤު ވަންހައިގެ ރައީސްގެ ދަރިފުޅެވެ. މިއަދު އަޅުގަނޑު މިވަނީ ރަނުގެ ތަޚްތަކުން ބިންމައްޗަށް ވެއްޓި، ހިރަފުހާ މޮޑެވިފައެވެ. އަޅުގަނޑު ފަދަ ނަސަބުން އަރާއިން މީހަކަށް މިފަދަ މިނިކަމެތިކަމަކާ ރުހެވޭނެތޯއެވެ. އަޅުގަނޑުގެ ސާހިބުވަނީ ނުވަ އޫޤިއްޔާގެ ރަން ދިނުމުން އަޅުގަނޑު މިންވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދު އަޅުގަނޑު އަތުގައި އެއްވެސް އެއްޗެއްނެތެވެ. ކަލޭގެފާނު އަޅުގަނޑަށް އެހީތެރިވެވަޑައިގެންދެއްވުން އެދެމެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ބައްރާގެ ވާހަކަފުޅު އަޑުއައްސަވައި ވިސްނާވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. [ތިޔަށްވުރެ މާ ރަނގަޅު ގޮތެއް އެބައޮތެވެ. އެގޮތަކީ ތިމަންކަލޭގެފާނު ކަމަނާގެ އަގު އަދާކޮށް މިނިވަން ކުރެއްވުމަށްފަހު ކަމަނާއާ ކާވެނި ބެއްލެވުމެވެ.] ބައްރާ ނުހަނު އުފާފުޅާއެކު މާތް ރަސޫލާގެ ހުށައެޅުއްވުން ޤަބޫލުފުޅުކުރެއްވިއެވެ. އެއަށްފަހު މާތް ރަސޫލާ ޘާބިތު ބިން ޤައިސް ރަޟިޔަالله ޢަންހު އަށް ނުވަ އޫޤިއްޔާގެ ރަންދެއްވުމަށްފަހު ބައްރާ މިނިވަންކުރައްވައި ކާވެނިފުޅު ބައްލަވައިގެންނެވިއެވެ.
އަމިއްލަ ނަފްސަށް ތާރީފާއި ސަނާ ކިޔޭފަދަ ނަންތައް ކިޔުމަކީ މާތް ރަސޫލާ ތަރުހީބު ދެއްވި ކަމެއް ނޫނެވެ. އެހެންކަމުން އެކަލޭގެފާނު ބައްރާގެ ނަންފުޅު ޖުވައިރިއްޔާއަށް ބަދަލުކުރެއްވިއެވެ. މާތް ރަސޫލާވަނީ އުއްމުސަލަމަތުގެފާނާ ކާވެނި ބެއްލެވުމަށްފަހު އެކަމަނާގެ ތުއްޕުޅު ދަރިކަނބަލުން ބައްރާގެ ނަންފުޅު ޒައިނަބު ބިންތި އަބީސަލަމާގެ ނަންފުޅަށް ބަދަލު ކުރެއްވިއެވެ. މާތް ރަސޫލާ މައިމޫނަތުގެފާނާ ކާވެނިފުޅު ބެއްލެވިއިރު އެކަމަނާގެ ނަންފުޅަކީ ވެސް ބައްރާއެވެ. މައިމޫނާއޭ ވިދާޅުވެ ނަންފުޅު ދެއްވީ މާތް ރަސޫލާއެވެ. ކޮންމެއަކަސް އޭގެ ފަހުން ބައްރާގެ ނަންފުޅު މަޝްހޫރުވެގެން ދިޔައީ ޖުވައިރިއްޔާގެ ނަންފުޅުންނެވެ. އުއްމުލް މުއުމިނީން ޖުވައިރިއްޔާގެ ނަންފުޅުންނެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެންންނެވި ޚަބަރު މަދީނާގައި ފެތުރިއްޖެއެވެ.ޞަޙާބީބޭކަލުންނަށް އެބޭކަލުންގެ އަޅުންގެ ގޮތުގައި މާތް ރަސޫލާގެ އަނބިކަނބަލެއްގެ ތިމާގެފުޅު މީހުން ތިބުންވީ ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަކަށެވެ. އެހެންކަމުން އެބޭކަލުންގެ އަތްދަށުގައި ތިއްބެވި މުޞްތަލަޤުވަންހައިގެ އެންމެހައި މީސްތަކުން މިނިވަންކުރެއްވިއެވެ. އެއީ މާތް ރަސޫލާ އެބައިމީހުންނާ އޮތް ޅިޔަންފަރިކަމުގެ ގުޅުމަށް ރިޢާޔަތްކުރައްވައެވެ. އެހެންކަމުން ޖުވައިރިއްޔަތުގެފާނު ވެވަޑައިގަތީ އެކަމަނާގެ ގައުމަށް އެންމެ ބަރަކާތްތެރި އަންހެން ސާހިބާ ކަމުގައެވެ.
މިކަމަށް އިޝާރާތް ކުރައްވައި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [ޖުވައިރިއްޔަތަށްވުރެ އެކަމަނާގެ ޤައުމަށް ބަރަކާތްތެރި ބޭކަނބަލަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެކަމަނާގެ ސަބަބުން މުސްތަލިޤުވަންހައިގެ އެތައް އާއިލާއަކަށް މިނިވަންކަން ލިބިގެންދިޔައެވެ.]
________________________
ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ- 2: މާތް ރަސޫލާ އެކަމަނާއާ ކާވެނި ބައްލަވައިގަތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ