ބޮޑު ވައްކަމެއް, ދެ މީހުން ވެސް އެދުނީ މަންމަ ޑަޔަލިސިސް ހަދަން ޖެހޭތީ މިނިވަންކޮށްދޭން
ބޮޑު ވައްކަމެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ, ށ. ފޯކައިދޫ ދެ މީހުން, އެ ދެ މީހުންގެ ވެސް މަންމަ ޑަޔަލިސިސް ހަދަން ޖެހޭތީ ބަންދުން ދޫކޮށް ދިނުމަށް ކޯޓުގައި އެދިއްޖެއެވެ. ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭގޮތުގައި ބޮޑު ވައްކަމެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފޯކައިދުއަށް ނިސްބަތްވާ އުމުރުން 27 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް ވަނީ ކުރި ކުށަށް ތަހުގީގުގައި އިއުތިރާފް ވުމަށް ފަހު, ޕްރޮސިކިއުޓާ ޖެނެރަލްއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދިފައި ކަމަށް ކޯޓު އަމުރުގައިވެއެވެ. އެ ދެ މީހުންގެ ކޯޓު އަމުރުގައި ވެސް ބުނެފައި ވަނީ އެ މީހުން ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ. ސަބަބެއް ކަމަށް ދެ މީހުން ވެސް ބުނެފައި ވަނީ މަންމަ ޑަޔަލިސިސް ހަދަން ޖެހުމާއި ތުއްތު ދެ ކުދިން ބަލަން ޖެހޭތީ ކަމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ޤާޞީ ޞަފްޢަތު ޚަބީބު ވަނީ އެ ދެ މީހުންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުން އެނގޭގޮތުގައި އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށެވެ. ނަމަވެސް އެ ވައްކަމުގެ ތަފްސީލެއް ނެތެވެ. އެ ދެ މީހުންނަކީ ވެސް މީގެ ކުރިން ބަންދު ކޮށްފައިވާ ދެ މީހުންނަށް ވާއިރު އެ މީހުންނަށް މި ފަހަރު ކުރެވޭ ތުހުމަތާ ގުޅިގެން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް, ދައުވާ ކުރުމަށް ވަނީ ފޮނުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ