ތިމާގެ ޠަބީޢަތުގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު އެހެން މީހަކަށް ދިނުން- މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

ބައެއް މީހުންނަށް ނަމާދުކުރަން ހުރަސްއެޅޭ، އަދި ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ އެއްސަބަބަކީ އެހެން މީހުން ކުރާ ކަންކަމަށް ވިސްނުމެވެ. އެއިގެ ތެރޭގައި އެހެން މީހުން ތިމާއަށް ކުރާ ކަންކަމާއި އެހެން މީހުން ކުރާ އެމީހުންގެ އަމިއްލަ ކަންކަން ވެސް ހިމެނެއެވެ. 
މިއީ ވަރަށް ދެރަކަމެކެވެ. މިކަން މިގޮތަށް މެދުވެރިވަނީ އެކަމުގެ ސަބަބުން ތިމާގެ ޠަބީޢަތަށް  އަންނަ ބަދަލުގެ ސަބަބުންނެވެ. ދެރަވާތީއެވެ. ހާސްވެ ކަންބޮޑުވެވޭތީއެވެ. އަނެކާގެ ކަންކަމަށް ވިސްނޭތީއެވެ. 
ތިމާގެ ޠަބީޢަތް (މޫޑު) ކޮންޓްރޯލްކުރުމުގެ ބާރު ބާއްވަންޖެހޭނީ ތިމާގެ އަތުގައެވެ. ދިމާވާ ގޮތަކުން މޫޑަށް ބަދަލެއް އައިނަމަވެސް އެކަން ކޮންޓްރޯލްކުރެވެންވާނެއެވެ. އެކަމުގެ އަސަރު ތިމާ ކުރަންޖެހޭ ކަންކަމަށް ފޯރިއަ ދީގެންނުވާނެއެވެ. 
އެގޮތަށް ފޯރުވޭނަމަ އެއިގެ މާނައަކީ ތިބާގެ މޫޑުގެ ކޮންޓްރޯލް އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ އަތުގައި އޮތް ކަމެވެ. އެއީ އެއްވެސް ޙާލެއްގައި އެކަން ވެގެންވާނެ ގޮތެއް ނޫނެވެ. އެއްވެސް މީހަކަށް ތިބާގެ މޫޑަށް ބާރު ހިންގިގެން ނުވާނެއެވެ. 
ތިމާގެ މޫޑަށް ބަދަލު އައުމުން އުނދަގޫތައް ކުރިމަތިވާނީ އަޅުކަން ކުރަން އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އެކަމުގެ އަސަރުކުރާނެއެވެ. ވަޒީފާގައި މަސައްކަތްކުރުމަށާއި ޢާއިލީ ޒިންމާ އަދާކުރުން ފަދަ ކަންކަމަށްވެސް އެކަމުގެ އަސަރުކުރާނެއެވެ. 
މިޘާލެއްގެ ގޮތުން ބުނާނަމަ މަންމައެއްގެ މޫޑު ގޯސްވުމުން ދަރިންނަށް އަޅާނުލެވި ފަރުވާކުޑަކުރެވެއެވެ. ބައްޕައިންގެ މޫޑު ގޯސްވުމުން އަނބިދަރިންނަށް ފަރުވާކުޑްކުރެވެއެވެ. ކުޅުންތެރިއެއްގެ މޫޑް ގޯސްވެއްޖެނަމަ ރަނގަޅަކަށް ނުކުޅެވެއެވެ. މިފަދަ އެތައް މިޘާލެއް ދެއްކިދާނެއެވެ. 
މިފަދަ ހުރިހާ ކަމަކުން ވެސް އެނގިގެންދަނީ މޫޑްގޯސްވެއްޖެނަމަ އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ކަމެވެ. އެނގިގެން މިދަނީ މޫޑް ގޯސްވެއްޖެނަމަ އެމީހެއްގެ ދިރިއުޅުމަށް ކުރަންޖެހޭ ހުރިހާ ކަންކަމަށްވެސް އެކަމުގެ އުނދަގޫތައް ފޯރާނެ ކަމެވެ. ގެއްލުން ލިބޭނެ ކަމެވެ. 
ވީމާ ތިމާގެ މޫޑްގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު ހަމަ އެއްވެސް މީހަކަށް ނުދޭށެވެ! އެއްވެސް މީހެއް މާނަމިކުރަނީ ޙަޔާތުގެ ބައިވެރިޔާއާއި އެންމެ ގާތް އެކުވެރިންވެސް ހިމަނައިގެންނެވެ. އަޅުކަންކުރުމަށާއި ދިރިއުޅުމުގެ ހުރިހާ ކަންކަމަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެތީއެވެ. އެކަމަށް އޮތް މަގަކީ މީހަކު ކޮންމެ އެއްޗެއް ބުނި ނަމަވެސް އަދި ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކަށް މީހާގެ ސަމާލުކަން ހުސްކޮށްނުލުމެވެ. އެކަންކަމަށް ދޭ ސަމާލުކަން ކުޑަކުރުމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ