ވަކި ސަރަހައްދުތަކެއްގައި އެކަނި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި އެކަނި ވެސް ނެގޭ ގޮތަށް، 'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ' ބިލު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައިގަނޑު ހަތް އިސްލާހެއް ވަނީ ގެނެސްފަ އެވެ. މާ ބޮޑެތި އިސްލާހުތަކެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. 
އެ ބިލު ފާސްކުރުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި، ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް މި ބިލު ފާސްކޮށްފައިވަނީ:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުން
ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި
ތަފްސީލް – މި ބިލަށް ގެނެސްފައިވާ މައިގަނޑު އެއް އިސްލާހަކީ އެ ބިލުގެ 4 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމެވެ. އެގޮތުން، އެ މާއްދާ އިސްލާހުކޮށްފައިވާ ގޮތަކީ:
(ހ) ގައުމީ މުހިންމު މައްސަލައެއް ނިންމުމުގައި އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސްއަށް ފެނިވަޑައިގެންފި ނަމަ، ރައްޔިތުންް އެކަމުގައި ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސްއަށް ނިންމިދާނެ
(ށ) ވަކި ސަރަހައްދަކާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމުގައި އެކަމަކީ އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސްއަށް ފެނިވަޑައިގެންފި ނަމަ، އެ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ
މި ބިލަށް ކޮމިޓީން މައިގަނޑު އަށް އިސްލާހެއް ގެނެސް މިދިޔަ ބުދަ ދުވަހު ފާސްކުރުމަށް ފަހު، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވެމުގައި އިތުރު އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.
އިއްޔެ ބިލަށް ގެނައި މައިގަނޑު އިސްލާހަކީ، އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނިންމުމަށް މަޖިލީހަށް ބާރުދީފައިވާ ގޮތާއި އެފަދަ ވޯޓެއް ނެގުމަށް ކަނޑައަަޅަން މަޖިލީހުގައި ވޯޓު ނަގާނެ ގޮތް އިސްލާހުކުރުމެވެ.
އެގޮތުން، ބިލު ހުށަހެޅިއިރު އޮތީ:
އާންމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތު އިހުތިޔާރީ ކަމެއްގެ ގޮތުގައި
ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ފެނިއްޖެ ނަމަ އަދި ލާޒިމުވާ ހާލަތުގައި ވެސް އެފަދަ ވޯޓެއް ނަގަން ކަނޑައަޅާނީ އެ ދުވަހެއްގެ މަޖިލީހުގެ ޖަލްސާގައި ނަގޭ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން 
މިހާރު އިސްލާހުކޮށްފައިވާ ގޮތަކީ:
އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި ވެސް، މި ގާނޫނާ ފުށޫނާރާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެފަދަ ވޯޓެއް ނެގިދާނެ
ހިޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ފެނިއްޖެ ނަމަ އެ ވޯޓެއް ނަގަން ކަނޑައަޅާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން
ހިޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ލާޒިމުވާ ހާލަތުގައި އެކަން ކަނޑައަޅާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން
މި ބިލަށް ގެނެސްފައިވާ އިތުރު އިސްލާހުތަކަކީ:
ހިޔާލު ހޯދުމުގެ ވޯޓުގެ އަގުލަބިއްޔަތު ބަލާނީ އިންތިހާބުގައި ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50އަށް ވުރެ ގިނަ ވޯޓް ނިންމުމަށް ލިބުމުން
ވޯޓް ނެގުމުގެ 21 ދުވަހުގެ ކުރިން އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާސް އާންމުކޮށް އާންމުން ހޭލުންތެރިކުރުުވަން ކައުންސިލަށް ލާޒިމުކުރުން
ފެންނަ ނުފެންނަ ވޯޓް ނަގަން މަޖިލީހުން ނިންމާނީ ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން
ވޯޓް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އެ ވޯޓް ނަގަން ޖެހޭ؛ ވަކި ސަރަހައްދަކަށް ނަގާ ވޯޓްގައި 45 ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެފަދަ ވޯޓެއް ނެގިދާނެ
އިލެކްޝަންސް ކޮމިޝަނުން ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުން ލާޒިމްކުރުން
އެނގުން މުހިންމު - 'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު' ސަރުކާރުގެ ފަރާތުން މަޖިލީހަށް މިދިޔަ ޖުލައިގައި ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ މަނިކުފާނު ވިސްނަވާ ބައެއް ކަންކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ. އެ ކަންކަމަކީ: 
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުން
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން
ވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ