ފަލަސްތީނުގެ ދައުލަތް ފްރާންސުން ވެސް ބަލައިގެންފި

ފަލަސްތީނުގެ ދައުލަތެއް ފްރާންސުން ވެސް އިއްޔެ ރަސްމީކޮށް ބަލައިގެންފި އެވެ.
މިއީ ފަލަސްތީންގެ ދައުލަތް ބަލައިގަތުމަށް ޔޫރަޕްގެ ގައުމުތަކުން ނިންމަމުން އަންނަ ސިލްސިލާ ނިންމުމަށް އިތުރުވި އެންމެ ފަހުގެ ބޮޅެވެ.
އެމެރިކާގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ވާހަަކަ ދައްކަވަމުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް މިއީ ސުލްހައިގެ ވަގުތު ކަމަށެވެ. އަދި މިހާރު އެ ކުރާ ހަނގުރާމަ ބަލައިގަނެވޭނެ ހަމަ އެންމެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އދ.ގެ އާންމު މަޖިލީހުގައި ފްރާންސާއި ސައޫދީ އަރަބިއްއާ އިން އިސްނަގައިގެން އެއް ދުވަހުގެ ސަމިޓެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ނިންމުމުގައި ޖީ7ގެ ގައުމުތަކުގެ ތެރެއިން، ޖަރުމަން، އިޓަލީ އަދި އެމެރިކާ ބައިވެރިއެއް ނުވެ އެވެ.
އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާ އިން ފަލަސްތީންގެ ދައުލަތް މިދިޔަ އާދީއްތަ ދުވަހު ބަލައިގަތުމަށް ނިންމުމުން، ބެލްޖިއަމް، ލަގްޒަމްބާގް، މޯލްޓާ، އެންޑޯރާ އަދި ސެން މެރީނޯ އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ވަނީ ނިންމައިފި އެވެ.
އިޒްރޭލުން ބުނަނީ ފަލަސްތީންގެ ދައުލަތް ބަލައިގަތުމަކީ 7 އޮކްޓޫބަރު 2023ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ 1،200 މީހަކު މަރާލައި 250 މީހަކު ރަހީނު ކުރިކުރުމަށް ދެވޭ ހަދިޔާއެެއް ކަމަށެވެ.
ގާޒާގައި ހުންނަ ހަމާސް ޖަމާއަތުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އެ ހާދިސާއަށް ފަހު މިހާތަނަށް އިޒްރޭލުން ފަލަސްތީނުގެ 65،000އަށް ވުރެ ގިނަ މީހަކު ވަނީ މަރާލައިފަ އެވެ.
އިޒްރޭލު ސިފައިން މިހާރު ދަނީ ގާޒާ ސިޓީގެ ކޮންޓްރޯލް ހޯދުމުގެ ބޭނުމުގައި އެއްގަމު މަގުން ހަމަލާތައް ދެމުންނެވެ.
ފަރަންސޭސި ލީޑަރު ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެސް ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކޮށްލަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި ދާއިމީ ހަނގުރާމަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އަނިޔާވެރިކަމުގެ މައްޗަށް އަބަދު ވެސް ނަސުރު ލިބޭނެ ކަމަށެވެ.
މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމު ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައު ފޭލުވެފައިވާ ކަމަށާއި އިޒުރޭލާއި ފަލަސްޠީނަށް ސުލްހަވެރިކަމާއި އަމާންކަމާ އެކު އެކުގައި އުޅެވޭނެ މަގު ފަހިކޮށްދޭނެ ދެ ދައުލަތް އުފެއްދުމުގެ ފުރުސަތު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވެސް ފަރަންސޭސި ލީޑަރު ވިދާޅުވި އެވެ.
ސައުދީ ވަލީއަހުގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދު ވަނީ އދ.ގައި ތަގްރީރު ކުރައްވައިފަ އެވެ. އެ ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް އޮތް ހަމައެކަނި މަގަކީ ފަލަސްތީން- އިޒްރޭލުގެ ދެ ދައުލަތުގެ ހައްލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވީ ގާޒާ އަލުން އާރާސްތުކުރުމަށް އީޔޫން އާ މާލީ ވަސީލަތެއް ގާއިމްކުރައްވާނެ ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ގާޒާގެ ހާލަތަކީ "އަހްލާގީ ގޮތުންނާއި ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ތަހައްމަލު ކުރެވޭ ވަރުގެ ހާލަތެއް ނޫން" ކަމަށެވެ. އަދި އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށް އޮތް ހަމައެކަނި މަގަކީ ދެ ދައުލަތް ގާއިމު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ