އައިފޯން ފޯލްޑް، ޓެކްނޮލޮޖީ ދުނިޔެއަށް އިންގިލާބަކަށްވާނެ: ރިޕޯޓް
އެޕަލް އިން 2026 ވަނަ އަހަރު އައިފޯން ފޯލްޑް ނެރުމާއެކު ޓެކްނޮލޮޖީ ދުނިޔެއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ފޯލްޑަބަލް ފޯނަކީ އެޕަލްގެ ބޮޑު އަޕްގްރޭޑެއްގެ ފެށުން ކަމަށާއި، މިއީ އައިފޯންގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް އެޕަލް އިން ގަބޫލުކުރެއެވެ. އެޕަލް އިންސައިޑާގެ ރިޕޯޓެއްގައި ބުނާ ގޮތުގައި، އެޕަލް އިން ވަނީ 2026 ވަނަ އަހަރަށް އައިފޯން އޯޑަރުތައް 10 ޕަސެންޓު އިތުރުކުރުމަށް ސަޕްލަޔަރުންނަށް އަންގާފައެވެ. މިކަމުން ދައްކުވައިދެނީ އައިފޯން ފޯލްޑް އަށް ބޮޑު ޑިމާންޑެއް އަންނާނެ ކަމަށް އެޕަލް އިން އުންމީދުކުރާ މިންވަރެވެ. އެޕަލް އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ޖުމްލަ 240 މިލިއަނަށް ވުރެ ގިނަ އައިފޯން ވިއްކޭނެއެވެ. އައިފޯން 18 ސީރީޒްގެ ތެރޭގައި ހިމެނޭ އައިފޯން ފޯލްޑްގެ 95 މިލިއަން ޔުނިޓް ވިއްކޭނެ ކަމަށް ވެސް އެޕަލް އިން ދެކެއެވެ. އައިފޯން ފޯލްޑް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދައި، އެހެން އައިފޯން މޮޑެލްތަކުގެ ވިއްކުން ވެސް އިތުރުވާނެ ކަމަށް އެޕަލް އިން އުންމީދުކުރެއެވެ. މިއީ އެޕަލްގެ އުފެއްދުންތަކަށް އޮންނަ އިތުބާރާއި، ފޯލްޑަބަލް ފޯނުތަކަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ. https://sun.mv/209259 އައިފޯން ފޯލްޑްގެ މެނުފެކްޗަރިން ޕްރޮސެސް ހަރުދަނާ ކުރުމަށް އެޕަލް އިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޓައިވާނުގައި "މިނީ ޕައިލެޓް ލައިން" އެއް ގާއިމުކުރުމަށް އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕައިލެޓް ލައިން މެދުވެރިކޮށް ފޯލްޑަބަލް ފޯނުގެ މެނުފެކްޗަރިން ޕްރޮސެސް އިތުރަށް ހަރުދަނާކޮށް، އެންމެ ފުރިހަމަ ފޯނެއް އުފެއްދުމަށް މަގުފަހިވާނެއެވެ. މިކަން ނިމުމުން، އިންޑިއާގައި ބޮޑެތި އަދަދުތަކުން އައިފޯން ފޯލްޑް އުފެއްދުމަށް ހަމަޖެހިފައިވެއެވެ. ނިކެއި އޭޝިއާ ބުނާ ގޮތުގައި، އެޕަލް އިން ކުރިން އައިފޯން 17 ސީރީޒް އަށް 85 މިލިއަން ޔުނިޓްގެ ޕްރޮޑަކްޝަން ލަފާކޮށްފައިވެއެވެ. އަދި 2025 ވަނަ އަހަރަށް ޖުމްލަ 220 މިލިއަން އައިފޯން ވިއްކޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް، އައިފޯން ފޯލްޑް އަށް އޮތް އުންމީދާއެކު މި ލަފާކުރުންތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ. ސަޕްލައި ސޯސްތަކުން ބުނާ ގޮތުގައި އެޕަލްގެ މި ލަފާކުރުންތައް ބައެއް ފަހަރު މާ މަތިވެދާނެއެވެ. އެހެންނަމަވެސް، މި އަހަރަށް ވުރެ 5% ގެ ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ. އައިފޯން ފޯލްޑް 2026 ގައި ނެރުމަކީ އެޕަލްގެ ފޯނުތަކުގެ ތާރީހުގައި އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް ބެލެވެއެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފޯނަށް އިންތިޒާރު ކުރާ އެތައް ބަޔަކު އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ