130 ކިލޯގެ ޑުރަގު މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލި ޝަހީބު ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ފުލުހުން ތުހުމަތު ކުރި، ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމް އަމިއްލައަށް ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެއެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން އޭނާ ހޯދަން ފުރަތަމަ އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެ ފަހުން އޭނާ ނުފެންނާތީ ދެވަނަ ފަހަރަށް ހޯދަން އިއުލާނުކުރީ މިއަދެވެ. ފުލުހުން ބުނީ، ޝަހީބު ހޯދަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އެކަން ކުރެވިފައި ނުވާތީ ކަމަށެވެ. އެހެންވެ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ބުންޏެވެ. ފުލުހުން މިރޭ ބުނީ، ޝަހީބު އަމިއްލައަށް ފުލުހުންގެ އިދާރާއަށް މިރޭގެ ވަގުތެއްގައި ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް މަސް ދޯންޏަކުން ފުލުހުން ވަނީ 130 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، އެ މަސް ތެރޭގައި ފުލުހުން ހަތް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ. އޭގެ ތެރެއިން ޝަހީބް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ވަނީ ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެ މީހުންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭގެ ކުރިން ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެކަމަށެވެ. އެހެންކަމުން ދައުލަތުން އެކަންކޮށްފައި ނުވާތީ ބޭސްފަރުވާއަށް އެ ދެމީހުން ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ