ސަރުކާރުގެ މަސައްކަތަށް ދުނިޔޭގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަނުގެ ތައުރީފް

ރާއްޖޭން ފިކުރީ މުދަލުގެ ދާއިރާގައި ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް ދުނިޔޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން (ވައިޕޯ)އިން ދިވެހި ސަރުކާރަށް ތައުރީފްކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، ވައިޕޯގެ ޑިރެކްޓަރު ޖެނެރަލް ޑެރެން ޓޭންގް ސަރުކާރަށް ތައުރީފުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ފިކުރީ މުދަލުގެ ދާއިރާގައި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުމާއި، ކޮޕީރައިޓާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމާއި ޓްރޭޑްމާކް ބިލް އެކުލަވާލުމާއި ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވާން ނިންމި ނިންމުން ޑެރެން ފާހަގަކުރެއްވި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ، ބާން ކޮންވެންޝަންގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އުފެއްދުންތެރި މަސައްކަތްތަކަށް ބައިނަލްއަގުވާމީ ހިމާޔަތް ލިބިގެން ދާނެ ކަމަށެވެ. ހަމައެއާއެކު ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމުގެ ތެރެއިން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ފައިދާ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މިދިޔަ އަހަރު ކޮޕީރައިޓް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މީގެ 2010އިން ފެށިގެން އަމަލުކުރަމުން އައި ގާނޫނު ޒަމާނަށް ފެތޭގޮތަށް ބަދަލުކުރެވިފައިވާ ކަމަށް، މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ގާނޫނުން އަދަބީ، އަދި ފަންނީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފޮތްތަކާއި، ކުރެހުންތަކާއި، ލަވަ ފަދަ މަސައްކަތްތައް ހިމާޔަތްކޮށްދޭ ކަމަށާއި، ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރުވުމުގެ ސަބަބުން އެ ހިމާޔަތް 180 ގައުމަކަށް ފުޅާވެގެންދާ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މިއީ ރަޖިސްޓްރީކުރުމަކާ ނުލާ ދިވެހިންގެ މަސައްކަތްތައް ބޭރު ގައުމުތަކުގައި ވިއްކުމަށާއި ލައިސަންސް ދޫކުރުމަށާއި ޕްރޮމޯޓްކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ސިފަކުރެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް ޓްރޭޑްމާކް ބިލުން ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ބްރޭންޑް ހިމާޔަތްކުރުން ހަރުދަނާކޮށް ކަސްޓަމަރުންގެ އިތުބާރު އިތުރުކޮށް ކައުންޓަރފީޓް ހުއްޓުވައިދޭ ކަމަށާއި، އަދި ބައިނަލްއަގުވާމީ ކުންފުނިތަކަށް މި ގާނޫނުން އެ ފަރާތްތަކުގެ ބްރޭންޑްތައް ރާއްޖޭގައި ރައްކާތެރިކުރުމުގެ މާހައުލެއް އުފެދި، ދިވެހި ވިޔަފާރިވެރިންނަށް އީކޮމާސް އާއި ޑިޖިޓަލް ޕްލެޓްފޯމަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، ވައިޕޯގެ ވަފުދެއް ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ޒިޔާރަތްކޮށް، މިދިޔަ މޭ މަހުގެ 25އިން 30އަށް ފިކުރީ މުދަލާ ގުޅޭ ޚާއްސަ ތަމްރީނުތަކެއް 187 ފަރާތަކަށް ދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ