ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެނީ: ބަލި ޖެހުނު އަދަދު 100 އިން މައްޗަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ޖެހުނުކަން ކަށަވަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
ކޮންގޯގެ ކޮމިއުނިކޭޝަންސް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހު އިތުރީ ޕްރޮވިންސް އިން ފެނުނު މި ބަލިމަޑުކަން، މެއި 23ގެ ނިޔަލަށް އެ ގައުމުގެ 11 ހެލްތު ޒޯނަކަށް ވަނީ ފެތުރިފަ އެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 900 އަށްވުރެ ގިނަ ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި ކޮންގޯއިން މިހާތަނަށް އެބޯލާ ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ބަލިމަޑުކަން އެންމެ ހަލުވިކޮށް ފެތުރެމުންދާ އިތުރީގައި ކުޅިވަރުގެ ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
ކޮންގޯގައި ފެތުރެމުންދާ އެބޯލާގެ ބަލިމަޑުކަން އަވަށްޓެރި ޔުގެންޑާއަށް ވެސް މިހާރު ވަނީ ފެތުރެން ފަށައިފަ އެވެ.
ޔުގެންޑާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އަލަށް ފެނުނު 3 ކޭސް އާއެކު، އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ.
އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނާގޮތުގައި ކޮންގޯގެ ވަށައިގެންވާ 10 ގައުމު ކަމަށްވާ ރުވާންޑާ، ކެންޔާ، ޓެންޒޭނިއާ، އެންގޯލާ، ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ރިޕަބްލިކް އޮފް ކޮންގޯ، އެތިއޯޕިއާ، ސައުތު ސޫދާން އަދި ޒެމްބިއާއަށް އެބޯލާ ފެތުރުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ