ކަރެކްޝަންސްގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރަށް ރިޓަޔާމަންޓް ފައިސާ އެއްފަހަރާ ދޭން ކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މިދިޔަ އަހަރު ރިޓަޔާކުރެއްވި އިބްރާހިމް މުހައްމަދު ދީދީ އަށް ރިޓަޔާމަންޓް ފައިސާ އާއި އިނަޔާތްތައް ހަތަރު މަސް ދުވަސްވީއިރު ނުދީގެން، އެ ފައިސާ އެކީ އެއްފަހަރާ ދޭން ކަރެކްޝަންސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އެނގުން މުހިންމު - ކަރެކްޝަންސްގެ ވަޒީފާ 2006 ވަނަ އަހަރުން ފެށިގެން އަދާކުރަމުން ދިޔަ އިބްރާހިމް މުހައްމަދު ދީދީ އެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރީ 2019ގަ އެވެ. ކަރެކްޝަންގައި ހިދުމަތް ކުރައްވާތާ ގާތްގަނޑަކަށް 20 އަށް އަހަރު ވުމާ ގާތްވެފައިވަނިކޮށް، އޭނާ ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ 26 ނޮވެމްބަރުގަ އެވެ.
ވީ ކިހިނެއް؟ - އިބްރާހިމް މުހައްމަދު ދީދީ ރިޓަޔާކުރައްވަން ހުށަހެޅުއްވި ހުށަހެޅުން ރައީސް މުހައްމަދު މުއިއްޒު ބަލައިގަނެ އެ ވަޒީފާއިން ރިޓަޔާކުރައްވާފައި ހުންނަތާ ގާތްގަނޑަށް ފަސް މަސް ދުވަސްވާން ކައިރިވެފައިވާއިރު، ރިޓަޔާކުރުމާ ގުޅިގެން ލިބެންޖެހޭ އެއްވެސް ފައިސާއެއް އަދި އިނާޔަތެއް ވެސް ނުލިބިގެން އެ ފައިސާ ހޯދަން ސިވިލް ކޯޓަށް އޭނާ މައްސަލައެއް ހުށަހެޅުއްވީ މިދިޔަ މަހެވެ.
އެ މައްސަލާގައި އެދިފައިވަނީ:
ރިޓަޔާކުރުމުން ދޭންޖެހޭ ފައިސާ ހެލްތު އިންޝުއުރެންސް ހިމެނޭހެން ކޮމިޝަންްޑް އޮފިސަރުންނަށް ދޭންޖެހޭ އިނާޔަތްތައް މައްސަލަ ނިންމާތާ 14 ދުވަސްތެރޭ ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދިނުމަށް
ތަފްސީލް - މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެ މައްސަލާގައި ނިންމާފައި ވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ އެ ފައިސާ ދިނުމަށެވެ. އެގޮތުން، ރިޓަޔާކުރުމުން އެކީ އެއްފަހަރާ ދޭންޖެހޭ ފައިސާ އާއި ރިޓަޔާކުރުމާބެހޭ ގަވާއިދުގެ ދަށުން ހަމަޖައްސައިދޭންޖެހޭ ހެލްތު އިންޝުއަރެންސް ވެސް އެ މުއްދަތުގައި ހަމަޖައްސައިދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކުރި އެވެ.
އިބްރާހިމް މުހައްމަދު ދީދީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، އެއިން އެއްވެސް މިންވަރަކަށް ފައިސާ މިހާތަނަށް ލިބިފައިނުވާތީ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
އެގޮތުން:
ރިޓަޔާކުރި ފަހުން ވޭތުވެ ދިޔަ މުއްދަތުގައި އެތައް ފަހަރެއްގެ މަތިން އެ ފައިސާ ހަމަޖައްސައިދިނުމަށް ކަރެކްޝަންސްގައި އެދިފައިވޭ
ދިރިއުޅެމުންދާ އެޕާޓުމަންޓަށް ފައިސާ ދެއްކުމަށް އަދި ބޭންކުން ނަގާފައިވާ ލޯނު ދެއްކުމަށް އެކަމުގެ ސަބަބުން ދަތިވެފައިވޭ
އެފައިސާ ހޯދަން އެކި ފަހަރުމަތިން ކަރެކްޝަންގައި އެދިފައިވީ ނަމަވެސް މިހާތަނަށް އެ ފައިސާ ފޯރުކޮށްދީފައިނުވޭ
ކަރެކްޝަންސްގެ ޖަވާބު - މި މައްސަލައިގެ ދިފާއުގައި ކޯޓުގައި ކަރެކްޝަންސް އިން ބުނެފައި ވަނީ، އެ ފައިސާ ފޯރުކޮށްދިނުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށެވެ. އެ ފައިސާ ފޯރުކޮށްދެވިފައިނުވަނީ އެ ކަމަށް އެދި ހުށަހެޅި ސިޓީތަކަށް މިހާތަނަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއްދީފައިނުވާތީ ކަމަށެވެ.
އެގޮތުން ބުނީ:
ފިނޭންސުން އެ ފައިސާ ފޯރުކޮށްދިނުން ލަސްވަމުންދަނީ މިނިސްޓްރީގެ މެންޑޭޓުތަކަށް މިފަހުން އައި ބަދަލުތަކާ ގުޅިގެންނާއި ރިޓަޔާކުރުމާބެހޭ ގަވާއިދާ ގުޅޭ މަޝްވަރާތަކެއް ޕޮލިސީ ލެވެލުގައި ކުރެވެމުންދާތީ ކަމަށް
ދެ ފަހަރެއްގެ މަތިން މިނިސްޓްރީގައި އެ ފައިސާ ހަމަޖައްސައިދޭން އެދިފައިވާއިރު އެ އެކަމަށް ޖަވާބެއް ނުލިބޭތީ ލަސްވަނީކަން އިބްރާހިމް މުހައްމަދު ދީދީއަށް ވެސް އަންގާފައިވާނެ
އެހެންކަމުން، މިހާރު އެކަމަށް ޖަވާބުދާރީވެވޭނީ ފިނޭންސް މިނިސްޓްރީއަށް ކަމަށްވާތީ އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ މިނިސްޓްރީގެ މައްޗަށްކަން ފާހަގަކުރި
އެކަމަކު ކޯޓުން ނިންމީ، އެ ފައިސާ ފޯރުކޮށްދިނުމަކީ ގަވާއިދުގެ ދަށުން ކަރެކްޝަނުން ކުރަންޖެހޭ ކަމަކަށްވާތީ، ފިނޭންސް މިނިސްޓްރީގެ މައްޗަށް އެ ދައުވާ ރައްދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، އެ ފައިސާ އާއި އިނާޔަތްތައް ފޯރުކޮށްދިނުމުގެ ކަންކަން 14 ދުވަސްތެރޭ ހަމަޖައްސަން ކަރެކްޝަންސްގެ މައްޗަށް އަމުރުކުރި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރިޓަޔާމަންޓް ފައިސާ ދިނުން ލަސްވެފައިވަނީ، މިނިސްޓްރީގެ މެންޑޭޓަށް ބަދަލުތަކެއް އައިސްގެން ކަމާއި ރިޓަޔާކުރުމާބެހޭ ގަވާއިދުގެ މަޝްވަރާތަކެއް ކުރިއަށްދާތީ ކަމަށް ކަރެކްޝަންސްއިން ފާހަގަކޮށްފައިވާއިރު، މިފަހުން ސަރުކާރުގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސް މެންޑޭޓުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެމީހަކު ހިދުމަތްކުރި މުއްދަތުގެ ގޮތުން އިނާޔަތްތައް ބޮޑުވާގޮތަށް، ރިޓަޔާމަންޓް ގަވާއިދަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރަމުންދާކަން ރައީސް މުއިއްޒު މިފަހުން ވަނީ އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ