ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކޮންމެ ކޮޅަކަށް ތާއީދުކޮށްގެން ހުއްޓަސް މުސްތަގުބޮލުގައި އެމްޑީޕީން ޖާގަ އޮންނާނެ ކަމަށާއި ޗެއާޕާސަން ކަމަށް ހޮވިއްޖެ ނަމަ އެކަން ކަށަވަރުކޮށްދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު އޮންނަ ޗެއާޕަސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މި އިންތިހާބުގައި ވާދަކުރައްވާތީ، ދެ ފެކްޝަނަކަށް ބެހިފައި މިވަގުތު އޮތް އެ ޕާޓީގެ ތެރޭގައި މި އިންތިހާބުގެ ފޯރި ވަނީ ގަދަވެފަ އެވެ.
ބުނީ ކީކޭ؟ - ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް މިހާރު އެކި ރަށްތަކަށް މީކާއިލް ކުރައްވަމުން އަންނަ ދަތުރުގައި އެމްޑީޕީގެ އާންމު މެމްބަރުންނާ މުހާތަބުކުރައްވައި، އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އޭނާގެ ޗެއާޕާސަން ކަމުގެ ދަށުން، އެ ޕާޓީއަކީ ހުރިހާ އެންމެންނަށް ފުރުސަތު އޮންނަ ޕާޓީއެއްކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
"މި އިންތިހާބުގައި ތިޔަ ބޭފުޅުން ކޮންމެ ކޮޅެއްގައި ތިއްބެވިޔަސް މުސްތަގުބޮލުގައި ތިޔަ ބޭފުޅުންނަށް ޖާގަ އޮންނާނެ. މުސްތަގުބޮލުގައި ތިޔަ ބޭފުޅުންނަށް މި ޕާޓީން ކުރިމަގު ހޯދުމުގެ ޖާގަ އަޅުގަނޑު ކަށަވަރުުކޮށްދޭނަމޭ. އެހެންވީމާ އެމްޑީޕީއަކީ އިންކްލޫސިވް، ހުރިހާ އެންމެންނަށް ފުރުސަތު އޮންނަ ޕާޓީއަކަށް ހައްދަވަން ބޭންފުޅު ނަމަ އަޅުގަނޑާ އެކު މި އިންތިހާބުގައި އިތުބާރު ވޯޓުދެއްވާ،" މީކާއިލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީގެ އެތެރޭގައި އުފުދެނު ހަމަނުޖެހުންތައް އަދިވެސް ހަމަޔަކަށް ނޭޅެ އެވެ. އެ ހިތްހަމަ ނުޖެހުންތަކުގައި ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުންނާއި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ދެ ފެކްޝަން ޕާޓީގެ ތެރެއިން އޮތީ އުފެދިފަ އެވެ.
އެ ހިތްހަމަނުޖެހުންތަކުގެ ތެރޭގައި ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުުން ޕާޓީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދި އެވެ. އެކަންތައްގަނޑުގެ ތެރޭގައި ނަޝީދު ވެސް ޕާޓީން އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ދެކޮޅަށް ފާޅުގައި ނިކުންނެވި އެވެ. އެކަމަކު ފަހުން ނަޝީދު ހިމެނޭހެން، އެ ޕާޓީން ކެނޑުނު ބައެއް މެމްބަރުން ވެސް މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ. އެކަމަކު ދެ ފެކްޝަނުގެ ހިޔާލު ތަފާތުވުން އަދި ވެސް ނިމުމަކަށް ނާދެ އެވެ.
ކޮންމެ ކޮޅެއްގައި ހުއްޓަސް އެމްޑީޕީން ޖާގަ އޮންނާނެ: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ