ބަންގްލަދޭޝްގެ "ޑޮނަލްޑް ޓްރަމްޕަށް" ބޮޑު މަގްބޫލުކަމެއް

އަޟްހާ އީދާ ދިމާކޮށް ބަންގްލަދޭޝްގައި މަގުބޫލުކަން ހޯދާފައިވާ، ރަންކުލައިގެ އިސްތަށިގަނޑެއް އޮތް ހުދުކުލައިގެ (އަލްބީނޯ) މީގޮނެއް (ބަފަލޯ) ބަލާލުމަށް ގިނަ ބަޔަކު ޖަމާވެއްޖެ އެވެ.
އެ މީގޮނުގެ މަގްބޫލުކަން އިތުރުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެއްގޮތް ވުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. 
ވެރިރަށް ޑާކާ ކައިރީގައި އޮންނަ ނަރަޔަންގަންޖް ޑިސްޓްރިކްޓްގައި ގެންގުޅޭ، ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުރި އެ މީގޮނަށް "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަން ދީފައިވަނީ އޭގެ ނިތްކުރިމައްޗަށް ވެއްޓިފައި އޮންނަ ފަނޑު ރަންކުލައިގެ އިސްތަށިގަނޑުގެ ސަބަބުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ޓްރަމްޕްގެ އިސްތަށިގަނޑާ ވަރަށް އެއްގޮތް ސިފައެކެވެ.
އެ މީގޮނާއެކު ސެލްފީ އާއި ވީޑިއޯ ނެގުމަށް ކޮންމެ ދުވަހަކު އެތައް ބަޔަކު އެ ސަރަހައްދަށް ޒިޔާރަތް ކުރެ އެވެ. މީގެ ތެރޭގައި ދުރު ހިސާބުތަކުން ދަތުރުކޮށްފައި އަންނަ މީހުން ވެސް ހިމެނޭއިރު، ސޯޝަލް މީޑިއާގައި އޭތި ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ.
"މީގެ  ބޯމަތީގައި ހުންނަ އިސްތަށިގަނޑު ޑޮނަލްޑް ޓްރަމްޕާ ވައްތަރުވާތީ، އަހަރެންގެ ކޮއްކޮ މީގެ ނަމަކަށް ޑޮނަލްޑް ޓްރަމްޕް ކިޔައިފި،" އޭގެ ވެރިޔާ ޒިއާއުއްދީން މްރިދާ ރޮއިޓާޒްއަށް ބުންޏެވެ.
"މީގެ ސިފަ ތަފާތުވި ނަމަވެސް، މިއީ ވަރަށް މަޑުމައިތިރި އެއްޗެއް. މިއީ އަލްބީނޯ އެއްޗަކަށް ވެފައި، މި ބާވަތުގެ ޖަނަވާރުތަކަކީ އާންމުކޮށް އޮޅުކޮށްގެން ގެންގުޅެވޭ، ގޯނާނުކުރާހާ ހިނދަކު ރުޅިގަދަ ނުވާ އެއްޗެހި،" އޭނާ އިތުރަށް ކިޔައިދިނެވެ.
މްރިދާ ބުނި ގޮތުގައި، އީދުގެ ކުރިން އޭގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު ހަތަރު ފަހަރު ފެންވަރުވައި، ހަތަރު އިރު ކާންދީގެން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހެ އެވެ.
"ކޮންމެ ދުވަހަކުވެސް މީގެ ކަންކަމަށް އިތުރު ވަގުތާއި ސަމާލުކަން ބޭނުންވޭ. އީދުގައި ގުރުބާން ކުރުމަށްޓަކައި މިހާރު މީގޮނު ކަސްޓަމަރަކަށް ވިއްކާލާފައި،" އޭނާ ބުންޏެވެ.
ބަންގްލަދޭޝްގައި އާންމުކޮށް ފެންނަނީ ކަޅުކުލައިގެ މީގޮނު ކަމަށްވާއިރު، މިފަދަ ހުދުކުލައިގެ އަލްބީނޯ މީގޮނަކީ އެ ގައުމުގައި ވަރަށް މަދު އެއްޗެކެވެ. 
މުސްލިމުން ގިނަ ބަންގްލަދޭޝްގައި އީދަށް ތައްޔާރުކުރާ ޖަނަވާރުތަކަށް މަޝްހޫރު މީހުންގެ ނަންނަން ދީގެން އިޝްތިހާރު ކުރުމަކީ އާންމު ކަމެކެވެ. މިއީ ގަންނަ މީހުންނާއި ބަލަން އަންނަ މީހުންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ