ފުރަތަމަ ހަތަރު މަހު ރިސޯޓުތަކުގެ ކުލިން 715 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރިސޯޓުތަކުން ކުލީގެ ގޮތުގައި ދައުލަތަށް 46.4 މިލިއަން ޑޮލަރު (715 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.
ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 23 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނީ 582 މިލިއަން ރުފިޔާ އެވެ. 
ދައުލަތަށް ޓެކްސްގެ ބޭރުން ވަންނަ އާމްދަނީގެ 27 ޕަސެންޓް ހިއްސާ ކުރަނީ ރިސޯޓު ކުއްޔެވެ.
މިއަހަރު ރިސޯޓު ކުލީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މާޗް މަހު އެވެ. އެމަހު ވަނީ 440 މިލިއަން ރުފިޔާ ލިބިފަ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ރިސޯޓު ކުލިން ލިބުނީ އޭޕްރީލް މަހު އެވެ. އެމަހު ވަނީ 129 މިލިއަން ރުފިޔާ ލިބިފަ އެވެ. ޖެނުއަރީ މަހު ރިސޯޓު ކުލިން ލިބުނީ، 90 މިލިއަން ރުފިޔާ އެވެ. އަދި ފެބްރުއަރީ މަހު ރިސޯޓު ކުލިން ލިބިފައިވަނީ 19 މިލިއަން ރުފިޔާ އެވެ.
މީރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އަހަރު ނިމުނުއިރު ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އެއީ އެހާތަނަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ 45 ޕަސެންޓެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ އަދަދު 38 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އޭގެ ސަބަބަކީ 2022 ވަނަ އަހަރު ރިސޯޓްތަކުގެ ކުލި ދެއްކުމުގައި ދިން ލުއިތަކާ ގުޅިގެން 4.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ބަދަލުވުމެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަފަކުރައްވާފައިވާ ގޮތުން، ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދީ އަދި ކުލީގެ ޖޫރިމަނާ މައާފްކޮށްދޭތީ ރިސޯޓްތަކުގެ ކުލި ނުދައްކަން ވެރިންނަށް ހިތްވަރު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ