އޯގަސްޓްގެ ނިޔަލަށް ތިން މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރާނެ: ފެނަކަ

"މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން، ތިން މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކުގައި މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މިއީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވީ، މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 226 ގޭބިސީއެއްގައި 914 ކިލޯވޮޓުގެ ސޯލާ ހަރުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ތިން މެގަވޮޓުގެ ސޯލާ ގޭބިސީތަކުގައި ހަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރު ސޯލާ މަޝްރޫޢުތައް:
މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރ. އަދި ބ. އަތޮޅުގެ ރަށްރަށުގައި 6 މެގަވޮޓުގެ ސޯލާ މިހާރު ވަނީ ހަރުކޮށްފައެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ