ކުދިންގެ ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުން ބަލާއިރު ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްވަރުގެ ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ އެންމެ އިސް ޑޮކްޓަރުން ސިފަކޮށްފި އެވެ.
އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކަށް އެކަޑަމީ އޮފް މެޑިކަލް ރޯޔަލް ކޮލެޖަސްއިން ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވަނީ، ކުޑަކުދިން ޑޮކްޓަރަށް ދައްކާއިރު އެ ކުދިން ސްކްރީން ކައިރީގައި ހޭދަކުރާ ވަގުތާއި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރާ ބެހޭ ގޮތުން ޑޮކްޓަރުން އާންމު އުސޫލެއްގެ ގޮތުން ސުވާލުކުރަން ޖެހޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ އާ ފިޔަވަޅުތަކެއް މި އަހަރު ނިމުމުގެ ކުރިން ތައާރަފުކުރާނެ ކަމަށް އެ ގައުމުގެ ޓެކްނޮލޮޖީ ސެކްރެޓަރީ ލިޒް ކެންޑަލް ވަނީ ވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާގައި އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ ބަލަމުންދާ އެއް ފިޔަވަޅެވެ. ކެންޑަލް ވިދާޅުވީ މި މަޝްވަރާތަކުގެ ނަތީޖާ މިއަހަރުގެ ހޫނު މޫސުމުގައި ހާމަކުރާނެ ކަމަށާއި، އަދި އަހަރު ނިމުމުގެ ކުރިން އަމަލީ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރުން މުޅިން މަނާކުރުމަކީ އެންމެ ރަނގަޅު ގޮތްކަމާ މެދު އެކި ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަ ހުއްޓެވެ.
އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ވަގުތުތައް ކަނޑައެޅުމާއި، އުމުރު ކަށަވަރުކުރުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމުން އޮންލައިން ރައްކާތެރިކަން އިތުރުވާނެތޯ ބެލުމަށް މާޗް މަހުން ފެށިގެން ސަރުކާރުން ދަނީ ބެލެނިވެރިންނާއި ކުދިންގެ ޚިޔާލު ހޯދަމުންނެވެ. އަދި ޔޫކޭގެ ބައެއް ގޭބިސީތަކުގައި މި ފިޔަވަޅުތައް ވަނީ ޓެސްޓުކޮށްފަ އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ކެންޑަލް ވިދާޅުވީ، "ސުވާލަކީ އަޅުގަނޑުމެން ފިޔަވަޅު އަޅާނެތޯ ނޫން، އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބަލަމުންދަނީ ސޯޝަލް މީޑިއާގެ އެކި ފީޗާތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތަކާ ގުޅޭ ފުޅާ ދާއިރާއެއްގެ މައްސަލަތަކެއް ކަމަށެވެ.
މީގެ ސަބަބުން، އޮސްޓްރޭލިއާއިން އެޅި ފިޔަވަޅުތަކުގައި ނުހިމެނޭ ރޯބްލޮކްސް އަދި ޑިސްކޯޑް ފަދަ ޕްލެޓްފޯމްތަކަށް ޔޫކޭ ސަރުކާރުން މާ ބޮޑަށް ސަމާލުކަން ދިނުން އެކަށީގެންވެ އެވެ.
މި މަޝްވަރާތަކަށް ޖަމިއްޔާތަކާއި، ކެމްޕޭން ގްރޫޕްތަކާއި، އާންމު ރައްޔިތުންގެ ފަރާތުން 70،000 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވެ އެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ މަނާކުރުމާއި އެހެނިހެން ފިޔަވަޅުތަކާ ގުޅޭ ޚިޔާލުތައް ހިމެނެ އެވެ.
އެކަޑަމީ އޮފް މެޑިކަލް ރޯޔަލް ކޮލެޖަސްގެ ހުށަހެޅުމުގައި، އޮންލައިންކޮށް ފެންނަ ނުރައްކާތެރި އަނިޔާވެރި މަންޒަރުތަކުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތުގެ މައްސަލަތައް މިސާލެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާ އާއި އޮންލައިން ކޮންޓެންޓް ނުރަނގަޅު ގޮތުގައި ބޭނުންކުރާކަން ދެނެގަންނާނެ ގޮތުގެ އިރުޝާދު ޑޮކްޓަރުންނާއި ސިއްހީ މުވައްޒަފުންނަށް ދޭންޖެހޭ ކަމަށް އެ އެކަޑަމީން ބުނެ އެވެ.
އަދި މި މައްސަލައިގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށްޓަކައި، ލިބޭ ގެއްލުންތަކުގެ މައުލޫމާތު ރެކޯޑުކުރުމަށް ވެސް އެ އެކަޑަމީން ލަފާދެ އެވެ.
އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު ވަގުތުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާއި، އޮޓޯ-ޕްލޭ އަދި އިންފިނިޓް ސްކްރޯލް ފަދަ ފީޗާތައް ނިއްވާލުން ހިމެނެ އެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓްތައް ކުޑަކުދިން ބޭނުންކުރުމާއި، އުމުރު ކަށަވަރުކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމާ ބެހޭގޮތުން ވެސް އާންމުންގެ ޚިޔާލު ވަނީ ހޯދާފަ އެވެ.
ސަރުކާރުގެ މި މަޝްވަރާތަކަށް ނުވަތަ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ހުށަހެޅުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ދީފައިވަނީ ކޮން ޖަވާބެއްކަން އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއަޕްގެ މައި ކުންފުނި މެޓާ އިން ބުނެފައިވަނީ، އުމުރު ކަށަވަރުކުރުމުގެ ނިޒާމު ހުންނަންޖެހޭނީ ފޯނު ނުވަތަ ޓެބްލެޓް ފަދަ ޑިވައިސްތަކުގައި ކަމަށެވެ. އޭރުން އުމުރު ހަމަނުވާ ކުދިންނަށް އެޕްލިކޭޝަންތައް ޑައުންލޯޑް ނުކުރެވޭނެ އެވެ.
ކުދިންގެ ސިއްހަތަށް ސޯޝަލް މީޑިއާއަކީ ދުންފަތާ އެއްފަދަ ނުރައްކަލެއް: ޔޫކޭ ޑޮކްޓަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ