އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި، އިސްރާއީލުގެ ބައިތު ޝެމޭޝްގައި ހުރި ޔަހޫދީން އަޅުކަންކުރާ ސިނަގޮގަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތަނުގައި ހިމާޔަތް ހޯދައިގެން ތިބި ނުވަ މަދަނީން މަރުވެފައިވާ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން މި ހަމަލާގައި ސިނަގޮގުގެ ފާރުތައް ވެއްޓި، އަޅުކަންކުރާ ހޯލްތަކާއި ކައިރީގައި ހުރި އާންމުންގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހަމަލާގެ ވަގުތުގައި އެތަނުގައި ކުޑަކުދިން ބައިވެރިވި ކޮސްޓިއުމް ޕާޓީއެއް ކުރިއަށްދިޔަ ކަމަށާއި، ހަމަލާއަށްފަހު އެ ސަރަހައްދުގައި ބޮޑު ހަލަބޮލިކަމެއް އުފެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ސަރަހައްދީ ނުފޫޒު ހޯދުމަށާއި ސަލާމަތީ ކަންކަމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުމެކެވެ.
އިސްރާއީލުން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ އެގައުމާ ދެކޮޅަށް މަސައްކަތްކުރާ ހިޒްބުالله އަދި ހަމާސް ފަދަ ޖަމާއަތްތަކަށް މާލީގޮތުންނާއި ހަތިޔާރުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެގައުމުގެ ވުޖޫދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިސްރާއީލުން ދެކެއެވެ.
މި ފަހަކަށް އައިސް ދެގައުމުގެ ދެމެދުގައި ސިއްރުން ކުރެވެމުންދިޔަ "ހިޔަނި ހަނގުރާމަ" ވަނީ ސީދާ އަސްކަރީ ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. އީރާނުގެ އެތެރޭގައި ހުންނަ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ދަނީ އެގައުމުގެ އަމިއްލަ ފަސްގަނޑުން ސީދާ އިސްރާއީލަށް އަމާޒުކޮށް ދުރުރާސްތާ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.
މިގޮތުން އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިސްރާއީލުން އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ އެހީގައި ގިނަ މިސައިލްތަކެއް ހުރަސް ކުރި ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އެރުމުގެ ސަބަބުން މަދަނީންގެ ފުރާނައަށް ލިބޭ ގެއްލުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
އީރާނުގެ މިސައިލް ހަމަލާއެއްގައި އިސްރާއީލްގެ 9 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ