އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމް ދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.
އީދު ހުތުބާގައި ބުނީ، މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދު ދުވަހަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށާއި އީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.
އެގޮތުން ހައްޖު މަސް ފެށުމާއެކު އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުމާއި އަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަދުވަހުގެ އަސްރު ނަމާދާ ހަމަޔަށް ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކުބީރުކިޔުން ސުންނަތް ވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.
އޭގެ އިތުރުން އުޟުހިޔާ ކަތިލުމަކީ އިބްރާހީމު އަލައިހިއްސަލާމުގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން، އިސްލާމީ ޝަރީއަތުގައި ވެސް އެކަން ވަނީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަހެއް ކަމަށާއި ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެ ޖިންސު މަސްހުނި ވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.
އަދި އީދުގެ އުފާ ފާޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
ހުތުބާގައި ބުނީ، އީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަހުންނާއި އުހުތުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެ އަހުންނާއި އުހުތުން ވެސް ބައިވެރިކުރަންޖެހޭ ކަމަށެވެ.
އަދި އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންކޮށް، މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާކޮށް ނަސްރާއި ކާމިޔާބުދެއްވާތޯ ދުއާކުރުމަށް ހުތުބާގައި ގޮވާލި އެވެ.
އީދުގެ ކަންކަން އިންތިޒާމު ކުރާއިރު މާތް ﷲ އަށް ބިރުވެތިވެ، ދީނާ ފުށުއަރާ ކަންކަމާ ދުރުވުމަކީ ވާޖިބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ