އެންޓިގްރެވިޓީ ބޭނުންކުރާ ފަރާތްތަކަށް "ޖެމިނައި 3.5 ފްލޭޝް ލޯ" ނެރެފި

ގޫގުލްގެ އޭޖެންޓިކް ކޯޑިން ޕްލެޓްފޯމް، "އެންޓިގްރެވިޓީ" ބޭނުންކުރާ ފަރާތްތަކަށް ދިމާވަމުންދާ ޓޯކަން ލިމިޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޚާއްސަ އާ އޭއައި މޮޑެލްއެއް ކަމަށްވާ "ޖެމިނައި 3.5 ފްލޭޝް ލޯ" ގޫގުލް އިން ތައާރަފުކޮށްފިއެވެ. މިއީ އެންޓިގްރެވިޓީގައި ކުރާ އާދައިގެ ކުދިކުދި މަސައްކަތްތަކަށް ބޭނުންވާ ޓޯކަން ބޭނުންކުރުން އިތުރަށް ފުރިހަމަކޮށް، ލިމިޓް ހަމަވުމުގެ މައްސަލަ ކުޑަކުރުމަށް އެހީތެރިވެދޭނެ މޮޑެލްއެކެވެ. މި ބަދަލާ ގުޅޭގޮތުން ގޫގުލް ޑީޕްމައިންޑްގައި އެންޓިގްރެވިޓީގެ ކަންކަން ބަލަހައްޓަވާ އިސް އިންޖިނޭރު ވަރުން މޯހަން އެކްސްގައި ހިއްސާކުރެއްވި ގޮތުގައި، އާދައިގެ ކުދިކުދި މަސައްކަތްތަކަށް އެންޓިގްރެވިޓީން ގިނަ އަދަދަކަށް ޓޯކަން ބޭނުންކުރަމުންދާތީ ޔޫޒަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން އަލަށް މި ތައާރަފުކުރި "ލޯ" ވޭރިއަންޓުގެ ސަބަބުން މަސައްކަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނައިސް، ބޭނުންކުރާ ޓޯކަންގެ އަދަދު މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/_mohansolo/status/2058740603563966758 މި ބަދަލާއެކު ކުރިން ހުރި އަސްލު "ޖެމިނައި 3.5 ފްލޭޝް" މޮޑެލްއަށް މިހާރު ކިޔާނީ "ޖެމިނައި 3.5 ފްލޭޝް (މީޑިއަމް)" އެވެ. އަދި އާދައިގެ މޮޑެލްއަށްވުރެ "ލޯ" ވޭރިއަންޓުން އައުޓްޕުޓް ނެރުމުގައި %45 މަދުން ޓޯކަން ބޭނުންކުރާއިރު، ސޮފްޓްވެއާ އިންޖިނިއަރިން މަސައްކަތްތަކުގައި މިއީ "ހައި" ވޭރިއަންޓަށްވުރެ ވެސް ހަލުވި އަދި މާ ފުރިހަމަ މޮޑެލްއެއް ކަމަށް ގޫގުލް އިން ބުނެއެވެ. ގޫގުލް އިން އެންޓިގްރެވިޓީގެ ބޭނުންކުރުން މެސެޖު ލިމިޓުން ކޮމްޕިއުޓް-ބޭސްޑް ލިމިޓަކަށް ބަދަލުކުރި ފަހުން، ގިނަ ޔޫޒަރުންތަކެއް ދިޔައީ ރޭޓް ލިމިޓް ވަރަށް އަވަހަށް ހަމަވާތީ ޝަކުވާކުރަމުންނެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގޫގުލް އިން ވަނީ މި ހަފުތާގައި ހުރިހާ ޕްލޭންތަކެއްގެ (ހިލޭ ބޭނުންކުރާ ފަރާތްތައް ހިމެނޭހެން) ޖެމިނައި ކޯޓާ ރިސެޓްކޮށްދީ، ޔޫޒަރުންނަށް އެމީހުންގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، މީގެ ކުރިން ގޫގުލް އިން އެންޓިގްރެވިޓީ ޕްލެޓްފޯމްގައި ބޭނުންކުރާ ޖެމިނައިގެ ޕްލޭންތަކަށް ބޮޑު ބަދަލެއް ގެނައުމާ ގުޅިގެންނެވެ. އެގޮތުން، ކުރިން މެސެޖުތަކުގެ އަދަދަށް ބަލައިގެން ކަނޑައަޅާފައި އޮތް ލިމިޓް، ކޮމްޕިއުޓް-ބޭސްޑް ނުވަތަ ބޭނުންކުރާ ޓޯކަންގެ އަދަދަށް ބަލާ ސިސްޓަމަކަށް ގޫގުލް އިން ބަދަލުކުރިއެވެ. މި ބަދަލާއެކު، އާދައިގެ ކުދިކުދި ކޯޑިން މަސައްކަތްތަކަށް ވެސް ގިނަ އަދަދަކަށް ޓޯކަން ކެނޑެމުންދާތީ، ޔޫޒަރުންނަށް ކަނޑައަޅާފައިވާ ރޭޓް ލިމިޓް ވަރަށް އަވަހަށް ހަމަވެ، މަސައްކަތްތައް ހުއްޓޭތީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ގޫގުލް އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެންޓިގްރެވިޓީގެ ރޭޓް ލިމިޓް އަސްލު ހުރިވަރަށްވުރެ ނުވަގުނައަށް އިތުރުކޮށްދިން ނަމަވެސް، ޔޫޒަރުންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ