ތެލުގެ އަގު އުފުލުމާ ގުޅިގެން އެއާ އިންޑިއާ އާއި އިންޑިގޯގެ ދަތުރުތައް މަދުކުރަނީ

އީރާނުގެ ހަނގުރާމައާ ގުޅިގެން ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލުމާއި ދަތުރުފަތުރަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް އިންޑިއާގެ އެއާ އިންޑިއާ އާއި އިންޑިގޯއިން އެ ގައުމުގެ އެތެރޭގެ އުދުހުންތައް މަދުކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް އިއްޔެ ބުނެފި އެވެ.
'ދަ ނިއު އިންޑިއަން އެކްސްޕްރެސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއާ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގެ %15 މަދުކުރަން ރާާވާފައިވާއިރު، އިންޑިގޯއިން ދަތުރުތައް މަދުކުރާނީ %5 އާއި %7އާ ދެމެދުގެ މިންވަރަކަށެވެ.
މި އެއާލައިންތަކުން މި ފިޔަވަޅު އަޅަން މަޖުބޫރުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ހޫނު މޫސުމުގެ ޗުއްޓީއަށް ފަހު ފަސިންޖަރުންގެ އަދަދު އާންމުކޮށް މަދުވާ ދުވަސްވަރަކަށް ވުމީ ވެސް މި ނިންމުން ނިންމަން ޖެހުނު ސަބަބެކެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އޭވިއޭޝަން މާކެޓް ކަމަށްވާ އިންޑިއާއަށް، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އުދުހުންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމާއި ބުކިންތައް މަދުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ އެއާލައިންތަކަކަށް ވެސް މިހާރު ވަނީ މާލީ ބޮޑު ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ދަތުރުތައް މަދުކުރުމުގެ މައިގަނޑު މަގްސަދަކީ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މިހާރު މާކެޓް އޮތް ހާލަތަށް ބަލައި ކުންފުނީގެ ފައިދާ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ