އިސްރާއީލުން ހަމަލާދީ ލުބުނާނުން 31 މީހުން މަރާލައިފި

އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއްދީ 31 މީހުން މަރާލައިފިއެވެ.
އިސްރާއީލުން އިއްޔެ ދިން މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ލުބުނާނުން 31 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލްގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެއްގަމު މަގުން ކުރިއަރަމުން ގޮސް، ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ސަބަބުން ލުބުނާނުގެ ދެކުނާއި އިރުމަތީގެ އަވަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރިކަން ހޯދުމަށް ފިލަން ދާން މަޖުބޫރުވެ، ބޮޑު ސިންގާ ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން އިއްޔެ ދިން މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ހަމަލާތަކާ ގުޅިގެން ހިޒްބުالله ޖަމާއަތުން ބުނެފައިވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުންދާ އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް 32 ހަމަލާއެއް ރައްދުގައިދީފައިވާނެ ކަމަށެވެ.
މި ހަމަަނުޖެހުންތައް އިތުރަށް ގޯސްވެފައި މިވަނީ ހޯމަ ދުވަހު އެމެރިކާއިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން، ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ބުނެ އީރާނުން އެކަން ތައުޒީރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ ޚާއްސަ އެއްބަސްވުމެއްގެ މަޝްވަރާތައް ގަތަރުގައި ކުރިއަށްދާއިރު، އެކަމަށް އަދި މަދު ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ