މިމަހުގެ 22 ވަނަ ދުވަހު ރިވައިވަލް ސްޕޯޓްސް އަދި ރިވައިވަލް ސްޕޯޓްސް އޭދަފުށިން އިންތިޒާމުކޮށްގެން ބޭއްވި 3 ވަނަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޭދަފުށީގެ ރިވައިވަލް ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތުގައި 22 އިވެންޓަކުން ޖުމްލަ 150 އެތުލީޓުން ފެނިގެންދިޔައިރު ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ އަދި ރިވައިވަލް ސްޕޯޓްސް އޭދަފުށިން މުބާރާތް ނިންމާލާފައިވަނީ 15 ރަން މެޑަލް، 13 ރިހި މެޑަލް އަދި 36 ލޯ މެޑައްޔާއެކުއެވެ. އޭގެ ތެރެއިން 12 ރަން މެޑަލް، 11 ރިހި އަދި 29 ލޯ މެޑަލް ހާސިލްކޮށްފަވަނީ ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ކުޅުންތެރިންނެވެ.
މިމުބާރާތުގައި ކުޅުންތެރިން ވާދަކޮށްފައިވަނީ 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް، އަދި 19 އަހަރުންދަށުގެ އުމުރުފުރާގެ ސިންގަލްސް އަދި ޑަބްލްސް އިވެންޓުތަކުގަކަމަށްވާއިރު، 9 އަހަރުންދަށުގެ އުމުރުފުރައިގެ ޗެންޕިއަންކަން ހޯދާ ރަން މެޑަލް ހާސިލްކޮށްފައިވަނީ ކައިސާން ލޫކް ފިޔާޒްއެވެ. އޭނާ ރަން މެޑަލް ހޯދީ ސީދާ ތިން ސެޓުން އިސްމާއިލް ނޫހް ބިން ރިލްވާން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 16-14، 15-11 އަދި 15-11 އިންނެވެ.
މިމުބާރާތުގެ އެންމެ ފޯރި ގަދަ ފައިނަލް މެޗުގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ 13 އަހަރުންދަށުގެ އަންހެން ސިންގަލްސް އިވެންޓުން އާއިޝަތު އަލާޔާ ނަދީމް ރަން މެޑަލް ހޯދީ މާޝާ ހުސައިން ރަޝީދު 1 ސެޓު ނަގާފަވަނިކޮށް ފަހަތުން އަރާ ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 11-15، 16-14 އަދި 16-14 އިންނެވެ.
13 އަހަރުންދަށުގެ ޑަބަލްސް ކެޓެގެރީއިން ރަން މެޑަލް ހޯދީ އާއިޝާ ހާޖަރް ހާނިސް މޫސާ އަދި މީފާ ބިންތް މޫސާގެ ޕެއަރއިންނެވެ. އާއިޝަތު އަލައިނާ އަދި އުލްވީ އިސްމާއިލް ޝާކިރުގެ ޕެއަރ ހާޖަރް އަދި މީފާގެ ޕެއަރ ބަލިކުރީ ފަސޭހަކަމާއެކު 15-4 އަދި 15-4 އިންނެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމުބާރާތުގެ 19 އަހަރުންދަށުގެ ޑަބަލްސް އިވެންޓު ގެންގޮސްފައިވަނީ އަހްމަދު އަހްނަފް އަފްލާހް އަދި މުހަންމަދު އަލޫފް ރިފާއުގެ ޕެއަރއެވެ. އަހްނަފް އަދި އަލޫފް އާ ދެކޮޅަށް ނުކުތް އިސްމާއިލް ޝައިޚޫން ބިން ހުސައިން އަދި އިޒްޔާން އަބްދުﷲ ސައީދް ބަލިވީ 13-15 އަދި 10-15 އިންނެވެ.
17 އަހަރުންދަށުގެ އަންހެންކުދިންގެ ޑަބަލްސް ފައިނަލުގައި ވާދަކުރީ އަޒްކާ ރިލްވާން އަދި ހައްވާ ނައުރީން މުހަންމަދުގެ ޕެއަރގެ އިތުރުން އާއިޝަތު ރައިޝާ ޒާކިރް އަދި ލާރާ މުހަންމަދު ލަޠީފްގެ ޕެއަރއެވެ. އަޒްކާ އަދި ނައުރީން ވަނީ ފަސޭހަކަމާއެކު 15-09 އަދި 15-13 އިން މެޗު ކާމިޔާބުކޮށްފައެވެ.
15 އަހަރުންދަށުގެ އަންހެންކުދިންގެ ސިންގަލްސް އިވެންޓުގެ ރަން މެޑަލްވެސް އަޒްކާވަނީ ހޯދާފައެވެ. އޭނާ ރަން މެޑަލް ހޯދީ ވަރަށް ހަމަޖެހިލައިގެން ހުރެ، 15-02 އަދި 15-09 އިން އަޝްނާ ބިންތި ޢަބްދުﷲ ރަޝީދު ބަލިކޮށްގެންނެވެ.
17 އަހަރުންދަށުގެ ފިރިހެންކުދިންގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދީ އައުފް ބިން ފަޒްލޫން އަދި ރިޝާމް ޢަބްދުލްފައްތާހްގެ ޕެއަރއެވެ. އައުފް އަދި ރިޝާމް ވަނީ ފަސޭހަކަމާއެކު، 15-02 އަދި 15-09 އިން ރާއިދް ހާނިސް މޫސާ އަދި ޔޫސުފް ޒައުލް ޒައީމްގެ ޕެއަރ ބަލިކޮށްފައެވެ.
ރިޝާމް ޢަބްދުލްފައްތާހްވަނީ 15 އަހަރުންދަށުގެ ފިރިހެންކުދިންގެ ސިންގަލްސް އިވެންޓުގައި 15-13 އަދި 15-11 އިން ޔޫސުފް އީތަން ބިން ޝިފާޒް ބަލިކޮށް ރަން މެޑަލް ހޯދާފައެވެ.
މީގެ އިތުރުން 17 އަހަރުންދަށުގެ ފިރިހެންކުދިންގެ ސިންގަލްސް އިވެންޓުގެ ރަން މެޑަލް އަބްދުﷲ ނައުހާން ބިން މުހަންމަދު ރަޝީދު ހޯދާފައިވަނީ ފައިނަލުގައި އައުފް ބިން ފަޒްލޫން 15-10 އަދި 15-12 އިން ބަލިކޮށްގެންނެވެ.
އަތޮޅުތެރޭގައި ބެޑްމިންޓަންގެ ފޯރި އާލާކޮށް، ޒުވާން ކުޅުންތެރިން އުފެއްދުމަށް ރިވައިވަލް ސްޕޯޓްސްއިން ފަށާފައިވާ މަސައްކަތުގެ ދަށުން ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ މަސައްކަތް ރަސްމީކޮށް ފެށީ 2023 ވަނަ އަހަރުއެވެ.
އެގޮތުން ރިވައިވަލް ސްޕޯޓްސް އޭދަފުށި އެކަޑަމީގައި ގިނަ އަދަދަކަށް ކުދިން ތަމްރީނުވަމުން އަންނައިރު އެކުދިންނަށް އިރުޝާދު ދިނުމަށް ބޭރުގެ ކޯޗުންވެސް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ކުޅުންތެރިން މެލޭޝިޔާ އަދި ލަންކާއަށްވެސް ފޮނުވައިގެން ތަމްރީނުކޮށްފަވާއިރު، އެއެކަޑަމީއިން ހުނަރުވެރި މޮޅެތި ކުޅުންތެރިން އުފެދެމުން އަންނަކަމަށް ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ރައީސް މުހަންމަދު އިކްރާމް ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.
އޭދަފުށީގައި ބޭއްވި ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ